27 Feb 2023, 09:36
މިމަހުގެ 21ގައި ޝޫޓިން ފެށުނު ހެއްވާ މަޖާ ފިލްމު "ޕިރް ހެރާ ޕެރީ"ގެ ފިލްމުން އެކްޓަރު ސަންޖޭ ދަތު ފެންނާނީ ނުބައި ބައި ރޯލަކުންކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އަކްޝޭ ކުމާރް، ސުނިލް ޝެޓީ އަދި ޕަރޭޝް ރަވާލްގެ ކޮމެޑީ ފިލްމުން ސަންޖޭ ދަތާއެކު އެކްޓަރު އަރްޝަދު ވަރްސީ ފެންނާނެ ކަމަށް މިދިޔަ ހަފުތާތެރޭގައިވަނީ ރިޕޯޓުތަކުން ބުނެފައެވެ.
މިފިލްމުގެ ނަން "ޕިރް ހެރާ ޕެރީ 3"ގެ ނަމުގައި ގެނެސްދޭން ނިންމި ނަމަވެސް ފިލްމުގެ ނަމަކީ "ޕިރް ހެރާ ޕެރީ4"ކަމަށް ފަހުގެ ރިޕޯޓުތަކުންވަނީ ބުނެފައެވެ. އަކްޝޭ ކުމާރް އާއި ސުނިލް ޝެޓީ އަދި ޕަރޭޝް ރަވަލް މީގެކުރީގެ ބައިތަކުން ފެނުނު ކެރެކްޓާތަކުން ފެންނައިރު ސަންޖޭ ދަތު ފެންނާނީ ފިލްމުގެ ވަރަށް މުހިއްމު ކެރެކްޓާއަކުންކަމަށް ރިޕޯޓުތައް ބުނެއެވެ. ސަންޖޭ ދަތު ފިލްމަށް ސޮއިކުރިކަން ކަށަވަރުވެފައިވާއިރު އެކްޓަރު އަރްޝަދު ވަރްސީ ފިލްމުން ފެންނާނެކަންވަނީ ކަށަވަރު ނުވެފައެވެ. ފިލްމުގެ ވިލެން ރޯލްއިން ސަންޖޭ ދަތު ފެނުނު ނަމަވެސް ސަންޖޭގެ ކޮމެޑީ ބައެއް ފިލްމުން ފެންނާނެކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ފަރްހާދް ސަމްޖީ މިފަހަރުގެ ފިލްމު ޑައިރެކްޓްކުރާއިރު މިފިލްމުގައި ފެންނާނީ ކޮން ބަތަލާއިންތަކެއްކަން އަދި ހާމައެއް ނުކުރެއެވެ.
ސަންޖޭ ދަތު ފިލްމުގެ ކާސްޓުގައި ހިމެނޭއިރު އެކްޓަރުގެ މިތުރު 'ސާކިޓް' ފިލްމުން ފެނިގެންދިއުމަކީ ބެލުންތެރިން ވަރަށް ބޮޑަށް އުއްމީދުކުރާނެކަމެކެވެ. ފިލްމާ ގުޅޭގޮތުން އެކްޓަރު ޕަރޭޝް ރަވަލް ބުނެފައިވަނީ ކުރިއަށްއޮތް ތިން މަހުގެތެރޭ ފިލްމުގެ މަސައްކަތް ފެށޭނެ ކަމުގައެވެ. މުމްބާއީގެ އިތުރުން ބޭރުގެ ޤައުމުތަކުގައި ފިލްމުގެ ބައެއް ޝޫޓިންގް ކުރިޔަށްދާނެކަމަށް އެކްޓަރުވަނީ ބުނެފައެވެ. އޭގެތެރޭގައި، އަބޫ ދާބީ، ދުބާއީ އަދި އެމެރިކާގެ ލޮސް އެންޖެލިސް ހިމެނެއެވެ.