މިދިޔަ ޑިސެމްބަރު މަހު ވިލިމާލެއިން ފުރި ތެޔޮ ބޯޓަކުން ގެއްލުނު ބަންގްލަދޭޝްގެ މުހައްމަދު ލިޓަންގެ މަރުގެ މައްސަލާގައި ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމުގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ދައުވާ ހިމެނޭހެން ޖުމްލަ ތިން ދައުވާއެއް އުފުލުމަށް މަސައްކަތް ކުރަމުންދާ ކަމަށް، ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީއޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޕީޖީ ޝަމީމް ވިދާޅުވީ، ލިޓަންގެ ހަށިގަނޑު ފެނިފައި ނުވި ނަމަވެސް ނިޒާމު ދައްކާފައި ހުރި ވާހަކަތަކުގެ އިތުރުން އެހެން ހެކިތަކުން ވެސް އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ގަބޫލުކުރެވޭކަމަށާއި، އެކަމާ ގުޅިގެން އޭނާގެ މައްޗަށް ގަސްތުގައި މީހަކު މެރުމާއި، ވައްކަމާއި، މަސްތުވާތަކެތީގެ މުއާމަލާތު ކުރުމުގެ ކުށުގެ ދައުވާ އުފުލުމަށް ތައްޔާރު ވަމުން އަންނަ ކަމަށެވެ.

ނިޒާމް ހައްޔަރު ކުރި އިރު އޭނާގެ އަތުގައި މަސްތުވާތަކެތި ހުރި ކަމަށާއި، ތެޔޮ ބޯޓުގައި ހުރި ފައިސާ ވަގަށް ނެގިކަމުގެ ތުހުމަތުވެސް އޭނާގެ މައްޗަށް ކުރެވޭ ކަމަށް ޕީޖީ ވިދާޅުވިއެވެ.

ނިޒާމަކީ ކުރިން ވެސް މަސްތުވާތަކެތި ބޭނުންކުރުމާއި ކުދި ވައްކަމާއި ފޭރުމުގެ ރެކޯޑު އޮންނަ މީހެކެވެ.

ލިޓަންގެ ހަށިގަނޑު މިހާތަނަށް ފެނިފައި ނުވިނަމަވެސް އޭނާ މަރާލި ކަމަށް ކަނޑައެޅޭނެ ގާނޫނީ ހަމަތަކާ ގުޅޭ ގޮތުން ސުވާލުކުރުމުން ޕީޖީ ވިދާޅުވީ، އެނގި ހުރެ މީހަކު މެރުމުގެ ދައުވާގެ ބަދަލުގައި ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލި މައިގަނޑު ސަބަބަކީ މީހަކު މަރާލުމަށް ކޮށްފާނެ ކަންކަން ކުރިކަން ސާބިތުކޮށްގެން އެދައުވާ ސާބިތު ކުރެވޭނެތީ ކަމަށެވެ.

އަޅުގަނޑުމެން އެސްޓެބްލިޝްކޮށްދޭނަން ކޯޓުގައި އޭނާ އެކުރި ކަމަކީ މީހަކު މަރުވެ ދާފަދަ ކަމެއް ކަމަށް. އަދި އެކަމުގެ އެނޫން ނަތީޖާއެއް ނުފެންނާނެ ކަމެއް ކަމަށް. ސުޕްރީމް ކޯޓުގެ ނަޖާހު މައްސަލައިގައި އެބަ އޮވޭ އުސޫލުތަކެއް ކަނޑައަޅާފައި. އެންމެ ފަހުން ދިރިހުރި ވަގުތު ފެނުނު މީހާއާ އެހެންގޮސް ތަފާތު އުސޫލުތަކެއް އެބަހުރި. އަޅުގަނޑުމެން ބޭނުންކުރާނީ ސުޕްރީމް ކޯޓުން ކަނޑައަޅާފަ ހުރި އުސޫލުތަކާ އަދި ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގަ ޕްރެކްޓިސް ކުރާ ބައެއް ކަހަލަ އުސޫލުތައް.ޕީޖީ ހުސެއިން ޝަމީމް

މީގެއިތުރުން ޕީޖީ ވިދާޅުވީ ކޯޓު މަރުހަލާގައި އެކަން ސާބިތު ކުރެވޭ ވަރަށް ހެކި އެބަ ހުރި ކަމަށާއި، ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ބައެއް ގަޒިއްޔާތަކަށް ރިއާޔަތްކޮށް ދައުވާ ސާބިތު ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

އެ ދެ މީހުން ގެއްލިގެން ފުލުހުން އެމީހުން ހޯދަން ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އެ މީހުން ދަތުރުކުރި ބޯޓު ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހު ކ. ހުޅުލެ ނެރު ކައިރިން ފެނިފައި ވީނަމަވެސް ބޯޓުގައި އެކަކުވެސް ނެތެވެ.

އެއަށްފަހު މާލެތެރެއިން ނިޒާމް ފެނިފައިވަނީ ސޯޝަލް މީޑިއާގައި މީހަކު ކުރި ޕޯސްޓަކުންނެވެ. އަދި މަރުގެ މައްސަލައެއްގައި ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހު ނިޒާމް ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 60 ދުވަސް ޖަހާފައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުން ފުލުހުންގެ އެދުމުގެ މަތިން ކްރިމިނަލް ކޯޓުން ވަނީ ސިއްރު ކޮށްފައެވެ.