ރާއްޖޭގެ މޫނު މަތި ބޭރުގައި ރީތިކޮށް ރާއްޖެއާ މެދު ރަނގަޅު ތަސައްވުރެއް އުފެއްދުމަށް ސަރުކާރުން އިންޓަނޭޝަނަލް ޕީއާރް ފާމެއް ހޯދަން އިއުލާން ކޮށްފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ން ވަނީ ދުނިޔޭގެ ފެންވަރުގެ ޕީއާރް ފާމެއް ހޯދަން މި މަހުގެ ނުވަނަ ދުވަހު އާންމުކޮށް އިއުލާންކޮށްފަ އެވެ. އިނގިރޭސި ބަހުން އެ ކުންފުނީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ އެ އިއުލާނުގައި ބުނެފައިވަނީ ޕީއާރް ފާމެއް ސަރުކާރުން ހޯދަނީ ތިން މަސްދުވަހުގެ މުއްދަތަކަށް ކަމަށެވެ.

ޕީއާރް ކުންފުނީގެ މަސައްކަތްތަކެއް ކަމަށް ބުނެފައިވަނީ ސަރުކާރުގެ އެކި ސިޔާސަތުތަކަށް ލަފާ ދިނުމާއި އެކަންކަމާ ގުޅޭ މައުލޫމާތު ބޭރުގެ ފަރާތްތަކާ ހިސާބަށް ފޯރުކޮށްދީ ރާއްޖެއާ މެދު ރަނގަޅު ތަސައްވުރެއް ބޭރުގައި އުފެއްދުން ކަމަށެވެ. އީޔޫ އާއި ޔޫކޭ އަދި ކޮމަންވެލްތާއެކު ގުޅުން ބަދަހި ކުރުމާއި ޓޫރިސްޓުންނާއި އިންވެސްޓަރުންގެ މެދުގައި އިތުބާރު އުފެއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުންވެސް މެންޑޭޓްގައި ހިމަނާފައިވެ އެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ޝައުގުވެރިވާ ކުންފުނިތަކުން އެމްއެމްޕީއާރްސީއަށް ޕްރޮޕޯސަލް ހުށަހަޅަން ޖެހެ އެވެ.

ސަރުކާރުގެ އޮފިޝަލަކު ސަން އަށް އިއްޔެ ވިދާޅުވީ ސަރުކާރުން ޕީއާރް ފާމެއް ހޯދަން އިއުލާން ކޮށްފައިވާ ކަމަށާއި އެކަން ރައީސް އޮފީހުން ކުރިއަށް ގެންދަވާ ކަމަށެވެ.

މީގެ ކުރީގެ ސަރުކާރުތަކުން ވެސް ވަނީ ޕީއާރު ފާމުތަކުގެ އެހީ ހޯދާފަ އެވެ. އެގޮތުން ހިލް އެންޑް ނޯލްޓަން އަދި ޔޫކޭގެ "ކެމްޕެއިން ކޮމްޕެނީ"ން ސަރުކާރަށް އެހީތެރިކަން ފޯރުކޮދީފައިވާ ކަމަށް ވަނީ އަޑުތައް ފެތުރިފަ އެވެ. އެމްއެމްޕީއާރްސީން ވަނީ ރާއްޖޭގެ ޓޫރިޒަމް ޔޫކޭގައި އިޝްތިހާރު ކުރުމަށް އެ ގައުމުގެ "ރޫސްޓާ" ކުންފުންޏާ އެކު އެގްރިމެންޓް ކޮށްފަ އެވެ.