އެމެރިކާގައި މިދިޔަ އަހަރު ސްކޭމްތަކުގެ ސަބަބުން މީހުންނަށް ގާތްގަނޑަކަށް 8.8 ބިލިއަން ޑޮލަރުގެ ގެއްލުން ލިބުނު ކަމަށް އެގައުމުގެ ފެޑެރަލް ޓްރޭޑް ކޮމިޝަން (އެފްޓީސީ)އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އޮޅުވާލުމާއި ނުހައްގު ވިޔަފާރީގެ އަމަލުތައް ހުއްޓުވުމަށް މަސައްކަތްކުރާ އެމެރިކާ ސަރުކާރުގެ އިދާރާއެއް ކަމަށްވާ އެފްޓީސީއިން ބުނީ، އެގައުމުގައި ތަފާތު ޚިދުމަތްތަކާއި މުދަލުގެ މުއާމަލާތްތަކުގައި ސްކޭމް ކުރުމުގެ 2.4 މިލިއަން މައްސަލައެއް މިދިޔަ އަހަރު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ސްކޭމްތަކުން ގެއްލުނު ފައިސާގެ އަދަދު، 2021 ވަނަ އަހަރާ އަޅާ ބަލާއިރު 30 ޕަސެންޓު އިތުރު ކަމަށް ވެސް ތަފާސްހިސާބުގައިވެއެވެ.

އެފްޓީސީން ނެރުނު ރިޕޯޓެއްގައިވާ ގޮތުން، މިދިޔަ އަހަރު އެންމެ ގިނަ އަދަދަކަށް ފައިސާ އަތުލާފައި ވަނީ އިންވެސްޓްމަންޓް ސްކޭމްތަކުންނެވެ. އެގޮތުން އެފަދަ ސްކޭމްތަކުގައި އަތުލި ފައިސާގެ އަދަދު 3.8 ބިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ ކަމަށް އެފްޓީސީގެ ރިޕޯޓުގައި ބުނެފައިވެއެވެ.

ދެވަނައަށް އެންމެ ގިނައިން ފައިސާ އަތުލާފައި ވަނީ ވަނަވަރު އޮޅުވާލައިގެންނެވެ. އެފަދަ ގޮތްތަކަށް 2.6 ބިލިއަން ޑޮލަރު އަތުލާފައިވެއެވެ.

މީގެ އިތުރުން ފައިސާގެ އިނާމު ދިނުމުގެ ނަމުގަ އާއި ވަޒީފާ ދޭނެ ކަމަށް ބުނެވެސް އޮޅުވާލައިގެން ފައިސާ ހޯދާފައިވާ ކަމަށް އެފްޓީސީގެ ތަފާސްހިސާބުގައިވެއެވެ.

އޭގެ ތެރޭގައި ސޯޝަލް މީޑިއާ މެދުވެރިކޮށް މީހުންނާ ވާހަކަދައްކައިގެން އަތުލާފައިވާ ފައިސާގެ އަދަދު 1.2 ބިލިއަން ޑޮލަރަށް އަރާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.