ސައިންސް ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި މެތަމެޓިކްސް(ސްޓެމް) އެޑިއުކޭޝަން ކުރިއަރުވައި ތަރައްގީ ކުރުމަށް އުރީދޫއިން ސްޓެމް ފެއާ އެއް ބޭއްވުމަށް ނިންމައިފިއެވެ.

ވިމެން އިން ޓެކް މޯލްޑިވްސް އާ ގުޅިގެން ބާއްވާ މި ފެއާ އަކީ ސްކޫލު ދަރިވަރުންގެ މެދުގައި ސްޓެމް މާއްދާތަކަށް އޮންނަ ޝައުގުވެރިކަން އިތުރުކުރުމަށް ބާއްވާ ފެއާ އެއް ކަމުގައި އުރީދޫއިން ބުނެއެވެ.

އެ ފެއާގެ މަގުސަދަކީ ސްޓެމް ދާއިރާއިން ދަރިވަރުން ހޭލުންތެރިކޮށް ދުނިޔޭގައި ދިމާވާ އެކި މައްސަލަތައް ހައްލުކުރުމަށް ސްޓެމް މާއްދާތަކުގެ ބޭނުން އިތުރުކޮށް، ފަސޭހަކުރުން ކަމަށް އުރީދޫން ބުނެއެވެ.

މި ފެއާގައި އެކި ފަރާތްތަކުގެ މަސައްކަތްތަކުން ހަދާފައިވާ އެކި ތަކެތި ދައްކާލާނެއެވެ. އޭގެ ތެރޭގައި ސައިންސް، ޓެކްނޮލޮޖީ އަދި އިންޖިނިއަރިން އަދި މެތެމެޓިކްސް ފަދަ ދާއިރާތަކުގެ އެކި އުފެއްދުންތައް ހިމެނެއެވެ.

ސްޓެމް ފެއާގައި ދަރިވަރުންނަށް ސްޓެމް މާއްދާތައް ތަޖުރިބާކޮށް، މި ދާއިރާގެ އެކި ފަންނުވެރިންގެ ކިބައިން އެކި ކަންތައްތައް ދަސްކޮށް، އެ ކުދިންގެ އުފެއްދުންތެރިކަމާ އަދި އީޖާދީ ވިސްނުމާއި ފަންނީ އެކި ހުނަރުތައް ދައްކާލުމުގެ ފުރުސަތު ލިބޭނެއެވެ.

އުރީދޫގެ މި ސްޓެމް ފެއާ އޮންނާނީ މި އަންނަ މަހުގެ ދެއަކުން ތިނަކަށް މާލޭގެ އިއްޒުއްދީން ސްކޫލު ހޯލުގައެވެ.