26 Feb 2023, 13:59
އދ. މަޖިލިސް (26 ފެބްރުއަރީ 2023): ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް އިސްރާއީލުން ކުރިއަށްގެންދާ ޣައިރު ގާނޫނީ މަޝްރޫއު ހުއްޓާލުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުޓެރޭޝް ގޮވައިލައްވައިފިއެވެ.
އިސްރާއީލު ސިފައިން ފަލަސްތީނުގެ ނާބުލުސްއަށް އަރައި ފަލަސްތީނުގެ 11 މީހުން ޝަހީދުކޮށް 100 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލުމާ ގުޅިގެންނާއި ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށްޓަކައި އިތުރު ބޮޑެތި މަޝްރޫއުތަކެއް ފެށުމަށް އިސްރާއީލުގެ ކެބިނެޓުން ނިންމުމާ ގުޅިގެން ގުޓެރެޝް ވަނީ ބަޔާނެއް ނެރުއްވާފައެވެ.
އެ ބަޔާނުގައި ވަނީ، އިސްރާއީލު ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތަކަށް އަރައި އުދުވާން ހިންގުމާއި އެބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވުމަކީ އދ.ގެ ގަރާރުތަކާއި ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފު ކަމެއްކަމަށާއި އެކަން އިސްރާއީލުން ހުއްޓާލަންޖެހޭ ކަމަށެވެ.
ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަކީ ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް ވެސް އެޅޭ އެންމެ ބޮޑު ހުރަސްކަން ގުޓެރެޝް ފާހަގަ ކުރެއްވިއެވެ. ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވުމުގެ އިތުރު މަޝްރޫއުތަކެއް ފަށަން އިސްރާއީލު ނިންމުމުން އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވެސް ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ.
އެމެރިކާއަކީ އަނގަބަހުން ނަމަކަށް މިކަމާ ދެކޮޅުހަދާ ގައުމަކަށްވީ ނަމަވެސް މިކަން ހުއްޓުވުމަށް އިސްރާއީލާ ދެކޮޅަށް އެމެރިކާއިން އެއްވެސް ފިޔަވަޅެއް ނާޅާތީއާއި އެއްވެސް ފިއްތުމެއް ކުރިމަތިނުކުރާތީ މިކަމުގައި އެމެރިކާގެ އިޚްލާސްތެރި ކަމެއްނެތް ކަމަށް ފަލަސްތީނުން ދެކެއެވެ.
އިސްރާއީލުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންތަކަށް ވެރިވެގެންފައި ވަނީ 1967 ވަނަ އަހަރުއެވެ. އެއަށްފަހު އިސްރާއީލު ގެންދަނީ ދާއިމީ ގޮތެއްގައި އެބިންތަކަށް ވެރިވެގަތުމަށްޓަކައި ދުނިޔޭގެ ކަންކޮޅުތަކުން ޔަހޫދީން ގެނަސް އެބިންތަކުގައި ވަޒަންވެރި ކުރުވަމުންނެވެ. މިހާތަނަށް ގާތްގަނޑަކަށް 1.8 މިލިޔަން ޔަހޫދީން ވަނީ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި ވަޒަންވެރިކޮށްފައެވެ.
އދ.އިން ވަނީ ހުޅަނގު އައްސޭރީން އިސްރާއީލު ސިފައިން ފޭބުމަށާއި އެތަނުގައި ޔަހޫދީން ވަޒަންވެރިކުރުމަށް އިސްރާއީލުން ކުރާ މަސައްކަތްތަކަކީ ޣައިރުގާނޫނީ މަސައްކަތްތަކެއް ކަމަށް ސިފަކޮށް އެކަން ހުއްޓާލުމަށް ގޮވާލައި އެތައް ގަރާރެއް ފާސްކޮށްފައެވެ. ނަމަވެސް މިއިން އެއްވެސް ގަރާރަކަށް އިސްރާއީލުން އަމަލެއް ނުކުރެއެވެ.
އެމެރިކާއާއި ޔޫރަޕްގެ ބާރުތަކުން އިސްރާއީލު ހިމާޔަތްކުރާތީ އިސްރާއީލާ ދެކޮޅަށް ފިޔަވަޅެއް އެޅުމުގައި އދ.އިން ވަނީ ނާކާމިޔާބުވެފައެވެ. އދ.ގެ ނާކާމިޔާބާ ގުޅިގެން ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރަން ފަލަސްތީނުގެ ރައްޔިތުން ތެދުވާތީ އިސްރާއީލު ގެންދަނީ ފަލަސްތީނުގެ ސިޓީތަކާއި ރެފިއުޖީ އަވަށްތަކަށް އަރައި ޑަޒަން ޑަޒަނަށް ފަލަސްތީނުގެ ރައްޔިތުންގެ ގަޔަށް ބަޑިޖަހައި އެމީހުން މަރަމުންނެވެ.
މިއަހަރުގެ މިހާތަނަށް އިސްރާއީލުންވަނީ ފަލަސްތީނުގެ 50 އަށްވުރެ ގިނަމީހުން ޝަހީދުކޮށްލާފައެވެ. މީގެތެރެއިން 90 އިންސައްތައަކީ ފަލަސްތީނުގެ ޅަ ކުދިންނާއި ޒުވާނުންނެވެ.