ހެލްމެޓު އެޅުން ލާޒިމުކޮށްފައިވާ ސަރަހައްދުތައް ފިޔަވައި އެހެން ސަރަހައްދުތަކުގައި ހެލްމެޓު އަޅައިގެން އުޅޭ މީހުންގެ ތެރެއިން ތުހުމަތު ކުރެވޭ މީހުން ބަލައި ފާސްކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.

އެކަން ހާމަކޮށް ނެރުނު ބަަޔާނެއްގައި ފުލުހުން ބުނެފައިވަނީ ގާނޫނުތަކުން ހެލްމެޓު އެޅުން ލާޒިމް ކޮށްފައިނުވާ ސަރަހައްދުތަކުގައި، ކާކުކަން ވަންހަނާ ކޮށް، ކުށްކުށަށް އަރައްގަތުމުގެ ނިޔަތުގައި ހެލްމެޓު އަޅައިގެން ބައެއް މީހުން އުޅޭކަން ފާހަގަވެފައިވާ ކަމަށެވެ.

އެހެންކަމުން، ހެލްމެޓު އެޅުން ލާޒިމް ކުރާ ސަރަހައްދުތައް ފިޔަވައި، އެހެނިހެން ސަރަހައްދުތަކުގައި ހެލްމެޓް އަޅައިގެން އުޅަނދު ދުއްވާ މީހުންނަށް ފާރަވެރިވެ، ތުހުމަތު ކުރެވޭ މީހުން ހުއްޓުވައި، ބަލައި ފާސްކުރަމުން ގެންދާނެ ކަމަށް ފުލުހުން ބުންޏެވެ. އަދި އެއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އަމާން ވެއްޓެއް ގާއިމް ކުރުމުގެ ގޮތުން އެޅި ފިޔަވަޅެއްކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.

ހެލްމެޓު އަޅަން ލާޒިމު ކޮށްފައިވާ ގަވާއިދުގައިވާ ގޮތުން، A1 އަދި A0 ގިންތީގެ އުޅަނދު ދުއްވާއިރު، 30 ކިލޯމީޓަރަށް ވުރެ ބާރަށް، އެއްގަމު އުޅަނދު ދުއްވަން ހުއްދަ ކޮށްފައިވާ ސަރަހައްދުތަކުގައި އުޅަނދު ދުއްވަން އިންނަ މީހާއާއި އުޅަނދުގެ ފަހަތުގައި އިންނަ މީހާ ހެލްމެޓު އަޅަން ޖެހެއެވެ.

ފުލުހުން އެހެން ބުނެފައިވާއިރު ހެލްމެޓު އަޅައި، މޫނު ނިވާ ކޮށްގެން މީހުންނަށް ބިރުދެއްކުމާއި، ވައްކަން ކުރުމާއި، ފޭރުމުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން ދާދި ފަހުން ވެސް، ހެލްމެޓު އަޅައި، މޫނު ނިވާ ކޮށްގެން ތިބި ދެ މީހަކު ވަނީ ފިހާރަޔަކަށް ވަދެ، އެތަނަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ.