17 Apr 2012, 13:00
މުޖުތަމައުއަށް ނުރައްކާތެރި ކުށްވެރިންގެ ތެރޭގައި ހިމެނޭކަމަށް ފުލުހުން ބުނާ މއ. ނައިޓްވިލާ، އިބްރާހިމް އަބްދުﷲ (ގައްބަރޭ) ގެ މައްޗަށް ހ. ކުބުރާ އަލީ އިޝާރު މަރާލިކަން ސާބިތު ނުވާ ކަމަށް ޖުވެލައިލް ކޯޓުން ކުރި ހުކުމް ދައުލަތުން މިއަދު ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
ދައުލަތުން ގައްބަރޭގެ މައްޗަށް ކުރި ދައުވާގައި ބުނަނީ އޭނާ އިތުރު ބަޔަކާ އެކު ޑިސެމްބަރު 2، 2007 ދުވަހުގެ ރޭ ގެ ވަގުތެއްގައި ހ. ކުބުރާ ގެއާ ޖެހިގެން ހުރި ފިހާރައަށް ވަދެފައި ނުކުތް ވަގުތު ހ. ކުބުރާގޭ އަލީ އިޝާރު އޭނާ އަށް ގޮވައި އޭނާގެ ކަނާތު ކޯ މަތީ ޖެހިކަމަށް ބުނެ ގައްބަރޭގެ ޖިންސުގެ ކަނާއަތް ފަރާތު ޖީބުގައި އޮތް ވަޅިއެއް ނަގައި އަލީ އިޝާރު ކަނާތުފައިގެ ކަކުލަށާއި ފަލަމަސްގަނޑަށް ހަރާލާފައިވާ ކަމަށެވެ. އަދި އެ ހަމަލާއާ ގުޅިގެން އަލީ އިސްހާރަށް ލިބުނު އަނިޔާ އަށް ފަރުވާދެމުން ދަނިކޮށް އަލީ އިޝާރު މަރުވެފައިވާ ކަމަށް ވެސް އެ ދައުވާގައިވެ އެވެ.
ހައިކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުލަތުންގެ ވަކީލު ވިދާޅުވީ ގައްބަރޭގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ އޭނާ ތަހުގީގަށް ވެފައިވާ އިއުތިރާފެއްގެ މައްޗަށް ބިނާކޮށް ކަމަށްވާ އިރު، ޖުވެނައިލް ކޯޓުން އެ މައްސަލަ ނިންމި އިރު ތަހުގީގަށް ގައްބަރޭ ދީފައިވާ ބަޔާނަށް އެއްވެސް ބުރަދަނެއް ދީފައި ނުވާ ކަމަށެވެ.
ވަކީލު ވިދާޅުވީ ޝަރީއަތް ކުރުމާ ބެހޭ ގަވާއިދުގެ ދަށުން، އެ މައްސަލައިގެ ތަހުގީގު ކުރި ފަރާތާއި ތަހުގީގު ކުރިއިރު އަޑުއަހަންތިބި ފަރާތައް ޝަރީއަތަށް ހާޒިރުކޮށްދިނުމަށް އެ ކޯޓުގައި އެދިފައި ވަނިކޮށް އެ މައްސަލަ ނިންމި އިރު އެމީހުން ވެސް ޝަރީއަތަށް ހާޒިރުކޮށްދީފައި ނުވާކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ގައްބަރޭ ބުނީ އެ މައްސަލައަކީ އޭނާ އުމުރުން 16 އަހަރުގައި ހިނގާފައިވާ ކަމަކަށް ވާތީ ވަކީލަކު އައްޔަން ކުރަން ބޭނުންވާ ކަމަށެވެ.
ހައިކޯޓުގެ ފަނޑިޔާރު މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ވަކީލަކު އައްޔަންކުރުމަށް 20 ދުވަހުގެ ފުރުސަތެއް ގައްބަރޭ އަށް ދިނުމަށް ފަހު އެވެ.