26 Feb 2023, 12:37
ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގައި ނާލާފުށި ބަލިކޮށް ދިއްގަރުން މ. އަތޮޅުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ރޭ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު މ. އަތޮޅު ފައިނަލް މެޗު ދިއްގަރުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު އެ މެޗުގައި ދިއްގަރުން ޖެހި ހަމައެކަނި ގޯލު މެޗުގެ ދެވަނަ ހާފުގެ އަށްވަނަ މިނެޓުގައި ޖެހީ އަލީ މާޖިދުއެވެ. ދިއްގަރުގެ ނޫހު މަސްއޫދު ނާލާފުށީގެ އޭރިއާ ތެރޭގައި ހުރެ ފޮނުވާލި ހަމަލާ ގޯލު ދަނޑީގައި ޖެހިފައި ނިކުތުމުން މާޖިދު ވަނީ އެއްފަހަރުން ގޯލަށް އަމާޒުކޮށްލައިފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެ ރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.
މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސަން ސިޔާމް މީޑިއާއެވެ. ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.