މިމަހުގެ 17ވަނަ ދުވަހު ޑިޒްނީ ހޮޓް ސްޓާއިން ރިލީޒްކުރި "ދަ ނައިޓް މެނޭޖާ"ގެ ޑައިރެކްޓަރާއެކު މަސައްކަތްކުރުމަށް ޝައުގުވެރިވާކަމަށް ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ކަރަން ޖޯހަރު ބުނެފިއެވެ.

"ދަ ނައިޓް މެނޭޖާ"ގެ އިތުރުން ޑިޒްނީ ހޮޓް ސްޓާއިން ގެނެސްދޭ ކާމިޔާބު ވެބް ސީރީސް "އާރްޔާ"ގެ ޑައިރެކްޓަރަކީ ސަންދީޕް މޯދީއެވެ. ބެލުންތެރިންގެ އިތުރުން ފިލްމީ ދާއިރާގެ ގިނަ ބައެއްގެ ތަޢުރީފު ސަންދީޕް މޯދީގެ "ދަ ނައިޓް މެނޭޖާ"އަށްވަނީ ލިބިފައެވެ. މި ސީރީސްގައި ސަންދީޕް ކޮށްފައިވާ މަސައްކަތް ފުރިހަމަކަމުން ކަރަންވަނީ ދަރްމާގެ ދެ ފިލްމެއް ޑައިރެކްޓްކޮށްދިނުމަށް ސަންދީޕަށް ހުށަހަޅާފައެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން ސަންދީޕް މޯދީވަނީ ދަރްމާގެ މިހުށަހެޅުން ގަބޫލުކޮށް އެއްބަސްވުމުގައި ސޮއިވެސްކޮށްފައެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާއާ ޙަވާލާދީ ބޮލީވުޑް ހަންގާމާއިން ބުނެފައިވަނީ، ސަންދީޕް އެއްބަސްވި ދެ ފިލްމުގެތެރެއިން އެއް ފިލްމަކީ، މީގެ ދެ އަހަރުކުރިން އޭނާ ލިޔުމުގެ މަސައްކަތް ފަށާފައިވާ ސްކްރިޕްޓެއްކަމުގައެވެ. އަދި މިފިލްމަކީ ބޮޑު ބަޖެޓަކުން އުފެއްދޭނެ ފިލްމަކަށްވެފައި ދަރްމާ ކުންފުންޏާއި ގުޅިގެން ފިލްމު އުފެއްދުމަށް ސަންދީޕް ނިންމީކަމުގައެވެ.

މި ފިލްމުގެ ޕްރީ-ޕްރޮޑަކްޝަން މަސައްކަތް މި އަހަރުގެ ހޫނު މޫސުމާ ދިމާކޮށް ފެށުމަށް ރާވާފައިވާކަމަށާއި ފިލްމަށް ބޮޑު ކާސްޓެއް ބޭނުންވާނެކަމަށްވެސް ޕިންކްވިލާގައި ވަނީ ބުނެފައެވެ.

ސަންދީޕު އިތުރު ފިލްމެއްގެ ޚިޔާލު ގެންގުޅޭ ނަމަވެސް އެއީ ކޮން ފިލްމެއްކަމެއް އޭނާ އަދި ހާމައެއް ނުކުރެއެވެ. ސަންދީޕްގެ "ދަ ނައިޓް މެނޭޖާ"ގެ ދެވަނަ ސީޒަން މިއަހަރުގެ ޖޫން މަހު ރިލީޒްކުރުމަށް ނިންމާފައިވާއިރު ކަރަން ޖޯހަރުގެ ފިލްމު "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ" ރިލީޒްކުރަން ނިންމާފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 28ގައެވެ.