އެކްޓަރު ރަންބީރް ކަޕޫރާއި ބަތަލާ ޝްރަދާ ކަޕޫރު ފުރަތަމަ ފަހަރަށް އެކީގައި ފެންނާނެ ފިލްމު "ތޫ ޖޫތީ މެއިން މައްކާރު" ރިލީޒްކުރުމަށް ނިންމި ތާރީޚަށްވުރެ ކުރިން ރިލީޒްކޮށްފާނެކަމަށް ޚަބަރުތައް ބުނެފިއެވެ.

ފިލްމުގެ ޓްރެއިލާއާއެކު ބައެއް ލަވަތައް ރިލީޒްކޮށްފައިވާއިރު ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ފިލްމުގެ ލަވަތަކަށް ވެސް އަންނަނީ ލިބެމުންނެވެ. ލަވް ރަންޖަންގެ ފިލްމު "ތޫ ޖޫތީ މެއިން މައްކާރު" އަންނަ މަހުގެ އަށް ވަނަ ދުވަހު ރިލީޒްކުރުމަށް ނިންމާފައިވާއިރު ފިލްމަށް ލިބެމުން އަންނަ ތަރުހީބާއެކު ފިލްމު ރިލީޒްކުރާ ތާރީޚު އެއް ދުވަސްކުރިޔަށް ޖައްސަން ޕްރޮޑިއުސަރުން ނިންމާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާގައި ފާހަގަކުރާ ހޯލީ އަންނަ މަހުގެ ހަތްވަނަ ދުވަހާ ދިމާވާތީ އެ ދުވަސް ބަންދު ދުވަހަކަށް ވުމުން ފިލްމު ރިލީޒްކުރުން އަންނަ މަހުގެ ހަތް ވަނަ ދުވަހަށް އަވަސްކުރުމަކީ ފިލްމަށްވެސް ފައިދާވާނެ ނިންމުމެއްކަމަށް ޕްރޮޑަކްޝަން ޓީމުން ލަފާ ދީފައިވާ ނޫސްތަކުގައިވެއެވެ.

ފިލްމު ރިލީޒްކުރުމުގެ މަރުހަލާގައި މިހާރުއޮތްއިރު ފިލްމުގެ އެންމެ ފަހު މަސައްކަތްތައް މި ތާރީޚަށް ނިމިއްޖެނަމަ ބެލުންތެރިންނަށް ފިލްމު އަވަހަށް ބަލާލުމުގެ ފުރުޞަތު އެބައޮތްކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. މި ތާރީޚުގައި ފިލްމު ރިލީޒްވެއްޖެނަމަ ހަފުތާ ބަންދާއެކު ފިލްމު ބަލާލުމުގެ ފުރުސަތު ގިނަ ބަޔަކަށް ލިބޭނެއެވެ. ސަބަބަކީ އެހަފުތާގެ ހަ ދުވަސް ހޯލީ ސީޒަނާއެކު އިންޑިއާއަށް ބަންދުވާނެތީއެވެ. މިގޮތަށް ބޮޑު ބަންދަކާ ދިމާކޮށް ފިލްމު ރިލީޒްކުރުމުގެ ފުރުސަތު ލިބުމަކީ ނާދިރުކަމެއްކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މިހާތަނަށް ބޮޑު ބަންދަކާ ދިމާކޮށް ފަހުގެ ތާރީޚެއްގައި ރިލީޒްވެފައިވަނީ، މިދިޔަ އަހަރު ރިލީޒްވި އަކްޝޭ ކުމާރުގެ ފިލްމު "ރާމް ސެތޫ" އާއި އަޖޭ ދޭވްގަން އަދި ބަތަލާ ރަކުލްއާއި ސިދާތް މަލްހޯތްރާގެ ފިލްމު "ތޭންކް ގޯޑް"އެވެ. އަދި މީގެ ދިހަ އަހަރުކުރިން ރިލީޒްކުރި އެކްޓަރު ޝާހްރުކް ޚާންގެ ފިލްމު "ޖަބް ތަކް ހެ ޖާން"ވެސް މިލިސްޓުގައި ހިމެނެއެވެ.