17 Apr 2012, 12:55
ގާނޫނު އަސާސީ އާއި ގަނޫނުތައް އިސްލާހު ނުކޮށްފި ނަމަ ދެތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖެ ބަނޑަށް ޖެހިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ލާމަރުކަޒީ ގާނޫނުގެ ބިލަށް އިސްލާހުގެ ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ސިޔާމު ވިދާޅުވީ، ލާމަރުކަޒީ ގާނޫނު ތަންފީޒު ކުރުމުގެ ގާބިލުކަން ރާއްޖޭގައި ނެތް ކަމަށާއި ރާއްޖެ އަށް ބޭނުންވާ ވަރަށް ވުރެ ބޮޑު ސަރުކާރަކާއި ބޮޑު ރައްޔިތުންގެ މަޖިލީހެއް އޮތް އިރު ދައުލަތުގެ ހަރަދުތައް އެންމެ އެދެވޭ ގޮތަށް ކުރެވެމުން ނުދާ ކަމަށެވެ. އަދި ވިދާޅުވީ ބޭކާރު ހަރަދުތައް އިތުރުވެ ރާއްޖެ އަށް ވަންނަ އެއްޗަކުން ހަރަދު ކުރަން ނުކުޅެދިފައިވާ ކަމަށެވެ.
"އަޅުގަނޑު ދަންނަވާލާނީ ރާއްޖެ ކުރިއަށް އޮތް ދެތިން އަހަރެއްގެއްގެ ތެރޭގައި، އަޅުގަނޑުމެންގެ މި ގާނޫނުތައް، ހާއްސަކޮށް ގާނޫނު އަސާސީ ރަނގަޅު ގޮތުގައި އިސްލާހު ނުކުރެވިއްޖެ ނަމަ އަޅުގަނޑުމެންގެ އިގްތިސޯދު ފުނޑުފުނޑުވެ، އަޅުގަނޑުމެންގެ މި ގައުމު ބަނޑަށް ޖެހުމަކީ ވަރަށް ކައިރީގައިވާ ކަމެކޭ. އެހެންވެ މި ދަންނަވަނީ މަޖިލީހަށް ބަލާ އިރު މި މަޖިލީހަކީ ވެސް ދުނިޔޭގައި ނެތް ވަރުގެ ބޮޑު މަޖިލީހެއް. ނޫނިއްޔާ ދުނިޔޭގައި ނެތްވަރުގެ ސަރުކާރެއް މިތަނުގައި މިއޮތް ހުރިހާ ދުވަހަކު ހިންގަމުން މިދަނީ މަތިބަރު ސަރުކާރެއް. ހަރަދުތައް އޭގެ އެންމެ ރަނގަޅު ގޮތުގައި ނުކުރުމާއި ބޭކާރު ހަރަދުތައް ކުރުމާއި އެފަދަ ކަންތައްތަކުން އަޅުގަނޑުމެންގެ އިގްތިސޯދު މިއަދު މިވަނީ ލިބޭ އެއްޗަކުން ނުކުޅެދިފައި،" ސިޔާމު ވިދާޅުވި އެވެ. މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ ރާއްޖޭގައި ތަންފީޒު ކުރާ ނަމަ ރާއްޖެ އަށް ލިބޭ ފައިސާ އިން ދެކޮޅު ނުޖެހޭނެ ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.
ސިޔާމު ވިދާޅުވީ، ރާއްޖޭގައި މިހާރު މިއޮތް ރިޔާސީ ނިޒާމަކީ ރާއްޖެ އަށް ބޭނުންވާ ސިސްޓަމެއް ނޫން ކަމަށެވެ. އަދި ރާއްޖޭގައި މިހާރު މިއޮތް ނިޒާމަކީ "ފިރުއައުނީ ސިސްޓަމަ" ކަށް ވާތީ ރައްޔިތުންގެ ވެރިކަން ރައްޔިތުންނާ ހަވާލު ކުރުމަށް ވެސް އޭނާ މިއަދު ގޮވައިލެއްވި އެވެ.
"މި ފެހި ގާނޫނު އަސާސީ ރާއްޖޭގައި އިންޕްލިމެންޓް ކުރަން ވެއްޖެއްޔާ ރާއްޖެ އަށް ލިބޭ ފައިސާއަކުން ދެކޮޅެއް ނުޖެހޭނެ. އެހެންވީމާ އަޅުގަނޑު މި ގޮވާލަނީ ރާއްޖޭގެ ވެރިކަން ރައްޔިތުންނާ ހަވާލުކުރަން. މިހާރު މިއޮތީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖޭގައި އޮންނަން ޖެހޭ ސިސްޓަމެއްނޫން. ޕްރެޒިޑެންޝަލް ނިޒާމަކީ ފިރުއައުނީ ނިޒާމެއް. އެނިޒާމް ފިރުއައުނީ ނިޒާމަކަށްވާން ޖެހެނީ އެއީ އާދަޔާ ހިލާފް ބާރުތަކެއް އެންމެ މީހެއްގެ އަތްމައްޗަށް ނަގައިފި ކަމަށް ވަންޏާ އިންސާނީ ތޮބީއަތަކީ އެމީހާ މަގު ފުރެދިގެން ދިއުން. އެނޫން ގޮތެއް ނޯންނާނެ،" ސިޔާމު ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވީ، އެމެރިކާ ފިޔަވައި އެ ނިޒާމް ކާމިޔާބުވި ގައުމެއް ނޯންނާނެ ކަމަށާއި އަދި އެމެރިކާގައި ވެސް މިދިޔަ އެތައް އަހަރެއްގައި އެތައް ރައީސުންނެއް އައިސް އެންމެ މީހެއްގެ ބާރުގައި، ހަނގުރާމަ އަށާއި އެހެން ކަންކަމަށް އެތައް ޓްރިލިއަން ޑޮލަރެއް ހަރަދު ކުރުމުގެ ސަބަބުން މިއަދު އެމެރިކާ ފަގީރު ވެފައިވާ ކަމަށެވެ.
ސިޔާމު ވިދާޅުވީ، 19 އަހަރުން އެއް އަހަރު ރިޔާސީ އިންތިހާބު ބައްވާ ގޮތަށް 19 އަތޮޅުން، ކޮންމެ އަތޮޅަކުން ރައީސެއް ހޮވައި އަހަރު ރައީސަކު ވެރިކަން ކުރާ ގޮތަށް ހަމަޖެއްސުމުން ރައްޔިތުންގެ ވެރިކަމެއް ގާއިމް ކުރެވިގެންދާނެ ކަމަށެވެ.
"ރާއްޖެ އަށް ހިނގާނީ ރައްޔިތުންގެ ސިސްޓަމެއް. ރާއްޖޭގެ އިންތިހާބުތައް ވެސް މާ ގިނައީ. 19 އަހަރުން އެއް އަހަރު ރާއްޖޭގައި އިންތިހާބުތައް ބާއްވަން ޖެހޭނީ. އެއީ 19 އަތޮޅުން ކޮންމެ އަތޮޅަކުން ރައީސަކު ނަގަންވީ އޭގެ ތެރެއިން ކޮންމެ އަހަރަކު ރައީސަކު ރޮޓޭޓްވާ ގޮތަށް ކުރިއަށް ގެންދަންވީ. ]އޭރުން[ ރާއްޖޭގައި ރައީސް ކަމަށް ފައިޓްކުރާ މީހުން، ވަޖިދްވާ މީހުންނާ ހެދި ރާއްޖޭގެ ބައިތުލްމާލު ހަލާކުވެގެންދާ ކަންތައްތަކަށް ހައްލެއް އަންނާނެ،" ސިޔާމު ވިދާޅުވި އެވެ.
ސިޔާމު ވަނީ ރައްޔިތުންގެ މަޖިލީހުން ފަސްކުރާ ކަންތައްތައް ރައްޔިތުންގެ ސީދާ ވޯޓަކަށް ހުށަހެޅުމަށް ވެސް ވަކާލާތު ކުރައްވައިފަ އެވެ. އަދި އެ ބަދަލުތައް ގެނައުމަށް ގާނޫނު އަސާސީ އަށް ބަދަލު ނުގެނަސްފި ނަމަ ލޭ އޮހޮރުވުމާއި މަރަމާރީ އާއި ތަޅާ ފޮޅުމާއި ފަސާދައިގެ އަމަލުތައް އިންތިހާއަށް އިތުރުވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރައްޔިތުންދެކެ ލޯބިވާ ނަމަ ގާނޫނު އަސާސީ އިސްލާހުކޮށް ރާއްޖޭގެ ވެރިކަން ރައްޔިތުންގެ ވެރިކަމަކަށް ނުހަދައިފި ނަމަ ކުރިންދިމާވި އެތައްކަމެއް މިގައުމުގައި ހިނގާނެ. ލޭއޮހޮރުވުން އޮންނާނެ ހަސަދަ އާއި ފަސާދަ އިތުރުވެގެންދާނެ. ކޮރަޕްޝަނަށް މަގުފަހިވުމާއި މީހުން މެރުމާއި އެތައް ކަމަކަށް މަގު ފައިވެގެންދާނެ،" ސިޔާމް ވިދާޅުވި އެވެ.
ސިޔާމު ވިދާޅުވީ، މި ގައުމުގެ ރައްޔިތުން މުއްސަނދި، ފުދޭ، އޯގާތެރި ރަނގަޅު ރައްޔިތުންތަކަކަށް ހެދޭނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިހްލާސްތެރިވެގެން ރައްޔިތުންނާ މެދު ވިސްނައިގެން ކަމަށެވެ. އެހެން ނޫން ނަމަ ރައްޔިތުންނަށް ވެވޭނީ ހަރާންކޯރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.