25 Feb 2023, 23:56
މި އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ އިސްވެ އޮވެ، ވާދަކުރަން އެ ޕާޓީގެ ކައުންސިލަށް ލަފާދޭން އެ ޕާޓީގެ ކޮންގްރެސްއިން މިރޭ ފާސްކޮށްފިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުން 800އަށްވުރެ ގިނަ މެންބަރުންނާ އެކު ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ އެ ޕާޓީގެ ކޮންގްރެސްއަށް ވަނީ ޖޭޕީން އިސްވެ އޮވެ، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ގޮވާލާ، ގަރާރެއް ހުށަހަޅުއްވައިފައެވެ.
އެ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރުމާ މެދު ޖުމްހޫރީ ޕާޓީން ގޮތެއް ނިންމުމަށް ގޮވާލާ ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަހުމަދު ހުށަހެޅުއްވި ގަރާރަށް ބަހުސްކޮށް، ވޯޓަށް ވަނީ އަހައިފައެވެ.
ކޮންގްރެސްގައި އެހި ވޯޓުން ވަނީ ރިޔާސީ އިންތިޚާބުގައި އެ ޕާޓީން އިސްވެ އޮވެ ވާދަކުރަން ނިންމައިފައެވެ. އެގޮތުން ވޯޓުގައި ބައިވެރިވީ މެންބަރުންގެ މެޖޯރިޓީން ވަނީ އެ ޕާޓީ އިސްވެ އޮވެ މި އިންތިޚާބުގައި ވާދަކުރަން ނިންމައިފައެވެ.
މި އަހަރުގެ އިންތިޚާބުގައި ޖޭޕީން އިސްވެ އޮވެ ވާދަކުރަން ނިންމާފައިވާއިރު، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ގެންދަވަނީ މި ފަހަރުގެ އިންތިޚާބުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރައްވަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި، މިއީ އެ ޕާޓީއަށް ލިބޭ 'ރަނުގެ ފުރުސަތެއް' ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި މިވަގުތު އޮތް ތިންވަނައަށް އެންމެ މީހުން ގިނަ ސިޔާސީ ޕާޓީ، ޖޭޕީގައި 18،000އެއްހާ މެންބަރުން ތިބެއެވެ. އާ ގާނޫނުއަސާސީ ތަސްދީގުކުރި ފަހުން ބޭއްވި ތިން އިންތިޚާބުގެ ތެރެއިން 2008 އަދި 2013ގެ ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރެއްވިއެވެ. ނަމަވެސް، ދެވަނަ ބުރަށް ދިއުމަށް ބޭނުންވާ ވަރަށް ދެ އިންތިޚާބުގައި ވެސް ވޯޓު ލިބިފައެއް ނުވެއެވެ.
އެކަމަކު އެ ހުރިހާ ރިޔާސީ އިންތިޚާބެއްގެ ދެވަނަ ބުރުގައި ވެސް ކޯލިޝަން ހެދުމަށް އެންމެ މުހިއްމު ޕާޓީއަކީ ޖުމްހޫރީ ޕާޓީއެވެ. އާ ގާނޫނޫ އަސާސީގެ ދަށުން އުފެދުނު ތިން ސަރުކާރު ވެސް އުފެދުނީ ޖޭޕީގެ ހިއްސާވާ ކޯލިޝަނަކުންނެވެ.