މާލޭގައި މިހާރު ހިންގަމުންދާ ސިލްސިލާ މާރީމާރީތަކާ ގުޅިގެން 16 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވަނިކޮށް އަށް ޒުވާނަކު މިއަދު ކޯޓުން ދޫކޮށްލައިފިއެވެ.

ބައެއް މީޑިއާތަކަށް ސީޕީ ހަމީދު މިއަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ, ސިލްސިލާ މާރާމާރީތައް ހުއްޓުވުމުގެ ގޮތުން ފާއިތުވެދިޔަ ދެ މަހުގެ ތެރޭގައި 16 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާ ކަމަށް ވެސް ސީޕީ ވިދާޅުވެފައިވެއެވެ.

ސީޕީ އެހެން ވިދާޅުވެފައިވަނިކޮށް މިއަދު މެންދުރު ކްރިމިނަލް ކޯޓަށް މުއްދަތު އިތުރުކުރުމަށް ގެންދިޔަ ނުވަ ޒުވަނެއްގެ ބަންދުގެ މުއްދަތު އިތުރުނުކޮށް ގާޒީ އަލީ ނަދީމް ވަނީ އެ މީހުނަށް ޝަރުތުތަކެއް ކުރުމަށްފަހު ދޫކޮށްލާފައެވެ.

މީގެ 15 ދުވަސް ކުރިން ހައްޔަރުކުރި އެ އަށް ޒުވާނުންގެ މައްޗަށް ތުހުމަތުކުރަނީ ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި މާރާމާރީ ހިންގުމަށް ރޭވުމެވެ. އަދި ތޫނުހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބެހެއްޓުމުގެ ތުހުމަތު ވެސް އެ އަށް ޒުވާނުންނަށް ވަނީ ކޮށްފައެވެ.

އެ މީހުންގެ ތެރޭގައި ހިމެނެނީ 19 އަހަރުގެ ދެ ޒުވާނަކާއި 21 އަހަރުގެ ތިން ޒުވާނުންގެ އިތުރުން 22 އަހަރުގެ ދެ ޒުވާނުންނާއި 23 އަހަރުގެ ދެ ޒުވާނެކެވެ.

އެ މީހުން ފުލުހުންގެ ބަންދުގައި 15 ދުވަސް ހޭދަކުރި ނަމަވެސް އެ މީހުންގެ މައްޗަށް ތުހުމަތުކުރާ ކުށާ ގުޅުވާލެވޭނެ އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށް އެ މީހުން ބަންދުން ދޫކޮށްލަން ނެރުނު ކޯޓު އަމުރުން އެނގެއެވެ. އެހާތަނަށް ހުށަހަޅާފައިވާ ހަމައެކަނި ހެއްކަކީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެކެވެ.

އެނގިފައިވާ ގޮތުގައި އެ މީހުން ހައްޔަރުކުރީ މާލޭގެ އެޕާޓްމެންޓެއްގެ ތެރެއިންނެވެ. އެތަނުން ކަތިވަޅިއާއި އެހެނިހެން ތޫނުހަތިޔާރު ފެނިފައިވެއެވެ. ނަމަވެސް ގުޅުވާލެވޭ އިތުރު ހެއްކަކާ ނުލައި އެ ތަކެއްޗަކީ މާރާމާރީ ހިންގަން ގެންގުޅޭ ތަކެތި ކަމަށް ނުބެލެވޭނެ ކަމަށް ވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

ރޭ މާލޭގައި ހިންގި މާރާމާރީއެއްގައި 30 އަހަރުގެ ޒުވާނަކަށް ވަނީ ތޫނު އެއްޗަކުން ހަމަލަދީ ވަރަށް ބޮޑަށް ޒަހަމްކޮށްލާފައެވެ. އޭނާގެ ހާލު ސީރިއަސްއިރު ވެންޓިލޭޓަރެއްގެ އެހީގައި އޭނާއަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައެވެ.

ދައުލަތުގެ މީޑިއާއަށް ސީޕީ ހަމީދު މިއަދު ދިން އިންޓަވިއުއެއްގައި ވިދާޅުވީ, މިހާރު މާލޭގައި ހިންގަމުން އަންނަ މާރާމާރީތައް ގުޅެނޭ ހަތަރު ގޭންގަކާ ކަމަށެވެ. އެގޮތުން ރޭ ހިންގި ނުރައްކާތެރި މާރާމާރީގައި ހަރަކާތްތެރިވެފައި ވަނީ "އެންސީ ޕާކް" އަދި "ކުޑަހެންވޭރު" 'ގޭންގަށް' ނިސްބަތްވާ މީހުން ކަމަށް ވެސް ސީޕީ ވިދާޅުވެފައިވެއެވެ.

މާލެ ތެރޭގައި ސިލްސިލާ މާރާމާރީތަކާ ގުޅިގެން 16 މީހަކު ހައްޔަރު ކުރި ނަމަވެސް މިއަދު ބަންދުން ދޫކޮށްލާފައިވަނީ ސީޕީ ހަމީދު އެ ވިދާޅުވާ މީހުންގެ ތެރެއިން އަށް މީހުން ކަމެއް އަދި ސާފެއް ނުވެއެވެ. އެކަމުގެ މައުލޫމާތު ހޯދުމަށް ތަކުރާރުކޮށް ޕޮލިސް މީޑިއާއަށް އަދި ސީޕީ ހަމީދުއަށް ގުޅުމުން ވެސް ފޯނަށް ޖަވާބު ނުދެއްވާތީ މައުލޫމާތު ވަނީ ލިބޭ ގޮތް ނުވެފައެވެ.