ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ރ. އަތޮޅުގެ ޗެމްޕިއަންކަން ޕެނަލްޓީން ދުވާފަރު ބަލިކޮށް އިނގުރައިދޫން ހޯދައިފިއެވެ.

ހުޅުމާލެ ރެހެނދި ޓާފު ދަނޑުގައި މިއަދު ހަވީރު ކުޅުނު ރ. އަތޮޅުގެ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުން ވެސް ވަނީ ތިން ގޯލު ޖަހައިފައެވެ.

މެޗުގައި އިނގުރައިދޫގެ ގޯލުތައް ޖެހީ އަލީ ހާފިޒާއި މުހައްމަދު މަމްދޫހެވެ. ހާފިޒް ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ. މީގެ އިތުރުން ދުވާފަރުގެ ގޯލުތައް ޖެހީ އާދަމް އިލްޔަސައު އާއި މުހައްމަދު އިހުސާމްއެވެ. އިހުސާމް ވެސް ވަނީ މެޗުގައި ދެ ގޯލުޖަހައިފައެވެ.

ނަތީޖާ ނެރުމަށް ނެރުމަށް ޕެނަލްޓީ ޖެހިއިރު އިނގުރައިދޫން ވަނީ ފަސް ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. ދުވާފަރަށް ކާމިޔާބު ކުރެވުނީ ހަތަރު ޕެނަލްޓީއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެ ރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސަން ސިޔާމް މީޑިއާއެވެ. ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.