ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ނައިބު ލީޑަރު ކަމަށް ފަސް ބޭފުޅަކު އިންތިޚާބު ކޮށްފިއެވެ.

އިއްޔެ ދަރުބާރުގޭގައި ބޭއްވި ޖޭޕީގެ ކޮންގްރެސްގައި ވަނީ އެ ޕާޓީގެ އެތެރޭ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައެވެ. އިއްޔެ އެ ޕާޓީގެ އެތެރޭ އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ 9:30ގައެވެ. ވޯޓުލުން ނިންމާފައިވަނީ 4:30ގައެވެ.

އެ ޕާޓީގެ އެތެރޭ އިންތިޚާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ ނައިބު ލީޑަރުގެ މަގާމަށެވެ.

އެ އިންތިޚާބުގައި އެ ޕާޓީގެ ނައިބު ލީޑަރު ކަމަށް އިންތިޚާބުވެފައި ވަނީ:

  • އައިޝަތު ނަހުލާ - 558 ވޯޓު

  • އަމީން އިބްރާހިމް - 327 ވޯޓު
  • އަލީ ޝާހް - 277 ވޯޓު
  • އިގްބާލް އާދަމް - 263 ވޯޓު
  • އަހުމަދު ސައުދު - 275 ވޯޓު

މި އިންތިޚާބުގައި 12 ކެންޑިޑޭޓުން ވަނީ ވާދަކޮށްފައެވެ. އިންތިޚާބުގައި ދެން ވާދަކުރި ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ ތަފުސީލު:

  • ހަސަން މުގްނީ - 255 ވޯޓު

  • އަބްދުﷲ އަހުމަދު - 258 ވޯޓު
  • މުހައްމަދު އަހުމަދު ހުސައިން - (ހަނަފީ) 143 ވޯޓު
  • ހުސައިން ރަޝީދު ހަސަން - 147 ވޯޓު
  • އަލީ ހަމީދު - 198 ވޯޓު
  • ޔަޝްފާ އަބްދުލް ގަނީ - 138 ވޯޓު
  • މޫސާ ނިޒާރު - 102 ވޯޓު

އެންމެ ކެނޑިޑޭޓެއް ކުރިމަތި ލުމުގެ ސަބަބުން އެ ޕާޓީގެ ހަތަރު މަގާމަކަށް ވަނީ ބޭފުޅުން ހޮވިފައެވެ. އެއީ ޖޭޕީގެ ލީޑަރު ކަމަށް ގާސިމް އިބްރާހިމާއި، ޒުވާނުންގެ ލީގުގެ ރައީސަކަށް އަބްދުﷲ ޔާމީން، ޒުވާނުންގެ ލީގްގެ ނައިބު ރައީސަށް ޝުވެއިބް ޝިފާޒް ޝަރީފް އަދި އަންހެނުންގެ ލީގުގެ ސެކެޓަރީއަކަށް އައިޝަތު ޝޫޒާއެވެ.

އެ ކޮންގްރެސްގައި ރޭ ޖޭޕީން ވަނީ މި އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި އެ ޕާޓީ އިސްވެ އޮވެ ވާދަކުރަން އެ ޕާޓީގެ ކައުންސިލަށް ލަފާދޭން ފާސްކޮށްފައެވެ.