އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާކަން ހަތަރު އަހަރު ހޯދާފައިވާ ކެމަރޫންގެ ހުނަރުވެރި ފޯވާޑް ސެމުއެލް އެޓޫގެ ފުޓުބޯޅަ ކެރިއަރު ނިންމާލާނީ މިހާރު ކުޅޭ ކުލަބު އަންޒީގައި ހުރެކަމަށް އޭނާ ބުނެފި އެވެ.

އުމުރުން 31 އަހަރުގެ އެޓޫ ބުނީ، އަންޒީގައި ހުރީ ވަރަށް އުފަލުން ކަމަށެވެ.

"ފުޓްބޯޅައިގެ ކެރިޔައި ދެން ނިންމާލަން ބޭނުންނަމަ، ނިންމާލާނީ އަންޒީގައި ހުރެގެން. އަހަރެން އަދި ބޭނުން ފުޓްބޯޅަ ކުޅެން. އަހަރެން ބޭނުންވާ ހުރިހާ ކަމެއް އަންޒީގައި ހުރުމުން ލިބޭ. ކުލަބުން އަހަންނަށް ބާރާބަރަށް މުސާރަވެސް ލިބޭ" އެޓޫ ބުންޏެވެ.


ބާސެލޯނާ އަދި އިޓަލީގެ އިންޓ މިލާނަށް ވެސް ކުރިން ކުޅެފައިވާ އެޓޫ އަންޒީއާ އަށް ބަދަލުވެފައި ވަނީ މިދިޔަ ސީޒަންގައި 36 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއްގެ ދަށުން ތިން އަހަރު ދުވަހަށެވެ.


އިންޓަމިލާނަށް ކުޅުނު އިރުވެސް، އެޓީމަށް 37 ލަނޑު ކާމިޔާބުކޮށްދިން އެޓޫ ބުނީ، އަންޒީގައި ހުރެގެން ވެސް އެޓީމަށް ކާމިޔާބު ހޯދައިދެން ބޭނުންވާ ކަމަށެވެ.


ސްޕެއިންގެ މަލޯކާއިން ވިދާލުމަށްފަހު އެޓޫ ވަނީ ބާސެލޯނާއަށް ކުޅުނު ދުވަސްތަކުގައި ވެސް މޮޅު ކުޅުމެއް ދައްކާފައެވެ.އަދި އޭރު ބާސެލޯނާއިން އިންޓަމިލާނަށް އެޓޫ ގެންދިޔައީ ބަދަލެއްގެ ގޮތުގައި ބާސާއަށް ލާޓަން އިބްރަހިމޮވިޗް ދީފަ އެވެ.