ސައުދީ ލީގަކީ މީގެކުރިން ފުޓްބޯޅަ ބަލާމީހުން އެލީގަކަށް މާބޮޑު ޝައުގުވެރިކަން ހުންނަ ލީގެއް ނޫނެވެ. ނަމަވެސް ކްރިސްޓިއާނޯ ރޮނާލްޑޯ ސައުދީ ލީގަށް ބަދަލުވުމާއެކު ފުޓްބޯޅައަށް ޝައުގުވެރިކަން ހުންނަ މީހުން އެ ލީގާދިމާލަށް އެނބުރުނެވެ.

މިކަން ރޮނާލްޑޯ ބަދަލުވި ކްލަބް އައް ނަސްރުގެ އިންސްޓަ ގްރާމަށް ބަލާލުމުން އެނގެއެވެ. ރޮނާލްޑޯ ނަސްރަށް ބަދަލުވުމުގެ ކުރިން އެ ކްލަބުގެ ފޮލޯވަރުންގެ އަދަދު މިލިއަނެއް ހަމައެއް ނުވެއެވެ.

ނަމަވެސް ރޮނާލްޑޯ ބަދަލުވުމާއެކު މިހާރު އެ ކްލަބްގެ ފޮލޯވަރުންގެ އަދަދު އުޅެނީ 13 މިލިއަނުން މަތީގައެވެ.

އައް ނަސްރުގެ އިންސްޓަރގްރާމް ފޮލޯވަރުން އިތުރުވަމުން އައިގޮތް---

ރޮނާލްޑޯ އެންމެ ފުރަތަމަ ސައުދީ ލީގަށް ބަދަލުވާކަމުގެ އަޑުތައް ފެތުރިފައިވަނީ، ނިމިގެންދިޔަ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ތެރޭގައެވެ. ފެށުނު އާ އަހަރާއެކު ރޮނާލްޑޯ ވަނީ އަލް ނަސްރުގެ ކުޅުންތެރިއެއްގެ ގޮތުގައި ސޮއިކޮށްފައެވެ.

ރޮނާލްޑޯ އައް ނަސްރަށް ބަދަލުވުމަށްފަހު ފުރަތަމަ ފަހަރަށް ކްލަބްގެ ޖާޒީ ދައްކާލަނީ--- ފޮޓޯ/ނަސްރު

އަލް ނަސްރަށް ރޮނާލްޑޯ ބަދަލުވުމާއެކު މިއަދު ދުނިޔޭގެ ކުޅިވަރުގެ މީޑިއާތަކުން ސައުދީ ލީގް ފޮލޯކުރެއެވެ. ސައުދީ ލީގްގެ ހަބަރުތަކާއި ފޮޓޯތައް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ދައުރުކުރެއެވެ. ސަބަބަކީ ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ އަދި ދުނިޔޭގައި މިވަގުތުހުރި އެންމެ އަގުބޮޑު އެއް އެތްލީޓް، ސައުދީގެ އަލް ނަސްރަށް ބަދަލުވުމެވެ.

ސައުދީ ލީގްގައި މިރެއަކީވެސް ވަރަށް މުހިއްމު ރެއެކެވެ. ސައުދީ ޕްރޯ ލީގްގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ އަލް ނަސްރު ނިކުންނާނީ ރަށުން ބޭރުގައި ދަމަކް އާ ދެކޮޅަށެވެ. ލީގްގައި ޓީމްތައް އެތުރިފައިވާ ގޮތަށް ބަލާއިރު، މި މެޗަކީވެސް ވަރަށް ވާދަވެރިކަން ބޮޑުވާނެ މެޗެކެވެ. ސަބަބަކީ އަލް ނަސްރަށް ތާވަލްގެ ކުރި ހޯދުމަށް ކުރަމުންދާ މަސައްކަތްތައް ފުރިހަމަ ކުރެވެން އޮތީ މިރޭގެ މެޗުން ދަމަކް ބަލިކޮށްގެންނެވެ.

ދަމަކް އާ ދެކޮޅަށް ނިކުންނަ އައް ނަސްރު ޓީމް ހަމީސް މުޝައިތަށް އައުން--- ފޮޓޯ/އައް ނަސްރު

ސައުދީ ޕްރޯ ލީގް ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު،18 މެޗް ކުޅެގެން ތާވަލްގެ އެއްވަނައިގައި 41 ޕޮއިންޓާއެކު އުޅެނީ އަލް އިއްތިހާދެވެ. 17 މެޗުން ލިބުނު 41 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައި އުޅެނީ އަލް ނަސްރެވެ. ތިންވަނައިގައި ހަމަ އެއަދަދަށް ޕޮއިންޓް ލިބިގެން އަލް ޝަބާބް އުޅޭއިރު، އެޓީމް ވަނީ އެއްމެޗް އިތުރަށް ކުޅެފައެވެ.

އަލް ނަސްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ކެރިއަރުގައި ހަދަމުންދާ ރެކޯޑުތަކަށް މިރޭގެ މެޗަކީވެސް މުހިއްމު މެޗެކެވެ. މި މެޗް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން 20:30 ގައެވެ.