25 Feb 2023, 12:29
ކާބޯ ތަކެއްޗަށް ހާއްސަކޮށްގެން ރާއްޖޭގައި ބާއްވައި އެންމެ ބޮޑު އެއް ޝޯ، "ފުޑް އެންޑް ބެވަރޭޖް" ޝޯއަށް ނައިބު ރައީސް ފައިސަލް ނަސީމް ޒިޔާރަތް ކުރައްވައިފިއެވެ.
ހައިރައިޒްއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ފުޑް އެންޑް ބެވަރޭޖް ޝޯ މި ފަހަރު ކުރިއަށް ދަނީ ހުޅުމާލެ ސެންޓްރަލް ޕާކްގައެވެ. މިއީ މި ޝޯ ބާއްވާ ހަވަނަ ފަހަރެވެ. މި ޝޯއަށް ނައިބު ރައީސް ޒިޔާރަތް ކުރެއްވީ އިއްޔެ ހަވީރެވެ.
އެ މަނިކުފާނު ވަނީ އެ ޝޯއަށް ޒިޔާރަތް ކުރައްވައި، އެ ސްޓޯލްތަކުގައި ހުރި ކާބޯތަކެތީގެ ބާވަތްތަކުގެ މައުލޫމާތު ސާފުކޮށްފައެވެ. އަދި، ސްޓޯލްތަކުގެ ބައިވެރިން ކުރެން ކާބޯތަކެއްޗާ ބެހޭ މައުލޫމާތު ސާފުކޮށްފައެވެ.

އެފްއެންބީ ޝޯއަށް ނައިބު ރައީސް ފައިސަލް ނަސީމް ޒިޔާރަތް ކުރެއްވުމުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް
މި ފަހަރުގެ އެފްއެންބީ ޝޯގައި 26 ކުންފުންޏަކުން ބައިވެރިވާއިރު، އެ ޝޯއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ސްޓޯލްތަކުން ކާބޯތަކެތި ތަޖުރިބާ ކުރުމާއި އަދި ބައެއް ކުންފުނިތަކުން ހިންގާ ޕްރޮމޯޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.
މި ޝޯ މެދުވެރިކޮށް އެފްއެންޑްބީ ދާއިރާގެ ހިދުމަތްތަކާއި އުފެއްދުންތައް ޕްރޮމޯޓްކޮށް މާކެޓް ހޯދުމަށް މަގުފަހިވެގެންދާނެއެވެ.
މިއަދުގެ ނިޔަލަށް ބާއްވާ މި ޝޯ ކުރިއަށް ދާނީ ހަވީރު 3:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ.