25 Feb 2023, 13:15
ދިވެހީންް އުފައްދާ ތަކެތި ރާއްޖޭން ބޭރުގައި ވިއްކޭނެ މަގު ހޯދިއްޖެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދު ވިދާޅުވެއްޖެއެވެ.
އެސްޓީއޯއިން ގަލްފް އެކްސްޕޯގައި ބައިވެރިވުމާ ގުޅިގެން އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައިނަލްއަގުވާމީ ވިޔަފާރިއަށް ވަނުމަކީ ރާއްޖޭގެ އިގްތިސާދަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް އެކްސްޕޯ ކަމަށްވާ ގަލްފް ފުޑް އެކްސްޕޯގައި އެސްޓިއޯއިން ވަނީ ބައިވެރިވެ، އެ ކުންފުނީގެ އެކި އުފެއްދުންތަކާއި، އެ ކުންފުނީގެ ދަށުން ހިންގާ މިފްކޯގެ މަސް ދަޅުގެ އެކި އުފެއްދުންތައް ދައްކާފައެވެ.
އެގޮތުން މި އިވެންޓުގައި އެސްޓީއޯގެ ސްޓޯލުގައި ޗޮއިސް ބްރޭންޑުގެ ގެރިކިރު، ކަޕް ނޫޑްލްސް، ބާސްމަތީ ހަނޑޫ، ވެޖިޓަބަލް އޮއިލް އަދި ސަންފްލާވާ ތެޔޮ ވަނީ ދައްކާލާފައެވެ.
މި އެކްސްޕޯގައި އެސްޓީއޯއިން ބައިވެރިވުމުގެ މަޤްސަދަކީ އެސްޓީއޯގެ އުފެއްދުންތައް ބޭރުގެ ފަރާތްތަކަށް ވިއްކާ، ބައިނަލްއަގުވާމީ ބާޒާރުގައި އެ ތަކެއްޗަށް އޮންނަ ޑިމާންޑް އިތުރުކުރުމެވެ.
މި އެކްސްޕޯއަކީ ދުބާއީގެ ވޯލްޑް ޓްރޭޑް ސެންޓަރުގައި މި މަހުގެ 20 އިން 24 ނިޔަލަށް ކުރިއަށް ގެންދިޔަ އެކްސްޕޯއެކެވެ. މި އަހަރުގެ ފެއާގައި 125 ގައުމަކުން 5000 އަށް ވުރެ ގިނަ ކުންފުނިން ބައިވެރިވެފައިވެއެވެ.