17 Apr 2012, 12:53
އެމްއެންޑީއެފްގެ ކޯސްޓްގާޑާއި އިންޑިއާގެ ނޭވީ ސިފައިން ގުޅިގެން ވައިގެ މަގުންނާއި ކަނޑުމަގުން ރާއްޖޭގެ އިޤްތިސާދީ ސަރަހައްދުގައި ސަވައިލަންސް އޮޕަރޭޝަނެއް މިއަދު ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ ރާއްޖޭގެ އީއީޒެޑް ސަރަޙައްދުގައި ހިންގާ ސަވައިލަންސް އެ އޮޕަރޭޝަންގައި އިންޑިއާ ނޭވީގެ ހާއްސަ މަތިންދާ ބޯޓަކާ އެކު ކޯސްޓްގާޑުގެ އުޅަނދުފަހަރު، ހަރަކާތްތެރިވާނެ ކަމަށެވެ. އަދި ރާއްޖޭ ހުޅަނގު ބިތަށް ހާއްސަ ސަމާލުކަމެއް ދީގެން ބެލުމަށް ހަމަޖެހިފައިވާ އެ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ތިން ދުވަހުގެ މުއްދަތަކަށް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ސަވައިލަންސް އެ އޮޕަރޭޝަންގައި ރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަހައްދުގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ ބެލުމާއި އެފަދަ ކަމެއް ހިނގާ ނަމަ އެކަމަކަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
މިހާރަކަށް އައިސް އިންޑިއާ ކަނޑުގައި، ޚާއްސަކޮށް ރާއްޖޭގެ ހުޅަނގު ފަރާތުގައި ހިނގަމުންދާ ޕައިރަސީގެ ހަރަކާތްތައް ފަހަކަށް އައިސް އިތުރުވެފައި ވާތީ އެސަރަޙައްދު ވަރަށް ބޮޑަށް ބެލުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާގެ ކަނޑުގެ ސިފައިން ގުޅިގެން ރާއްޖޭގެ ޚާއްސަ އިޤްތިސާދީ ކަނޑުގެ ސަރަޙައްދުގައި ދޭތެރެދޭތެރެއިން ދަނީ މިފަދަ އޮޕަރޭޝަންތައް ހިންގަމުންނެވެ.
މިދިޔަ މަހު ތެރޭ ކަނޑުފޭރޭ މީހުން ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން، ހއ. ހޯރަފުއްޓާ ދިމާލުން ހުޅަނގު އުތުރުން 190 މޭލު ބޭރުގެ ހިސާބުން ބޮލީވިއާގެ ބޯޓެއް ހައިޖެކްކޮށްފަ އެވެ.