ދިވެހި ފިލްމު އިންޑަސްޓްރީގައި އެންމެ ފާހަގަކޮށްލެވޭ އެކްޓަރު އަދި ޕްރޮޑިއުސަރު ކަމަށްވާ ރަވީ ފާރޫގު ހަތަރު ވަނަ ކައިވެންޏެއް ކޮށްފިއެވެ.

ރަވީ އިތުރު ކައިވެންޏެއް ކޮށްފައިވާ ކަން އިއުލާނުކޮށްފައިވަނީ ސޯޝަލް މީޑިއާގައެވެ. ރަވީގެ ހަތަރުވަނަ ކައިވެނި ކޮށްފައިވާ ކަން އިއުލާނުކޮށްފައިވަނީ އިންސްޓަގްރާމުން ދެ ދުވަސް ކުރީންނެވެ. ދެމީހުން ކައިވެނީގެ ހަފުލާގައި ނަގާފައިވާ ބައެއްް ފޮޓޯތައް ވަނީ އިންސްޓަގްރާމްގައި ހިއްސާ ކޮށްފައެވެ.

ރަވީ މިފަހަރު ކައިވެނި ކޮށްފައިވަނީ އައިޝަތު ނާމީ ކިޔާ އަންހެނަކާއެވެ. އޭނާ އަކީ ދިވެހި ފިލްމު އިންޑަސްޓްރީ އިން މީގެ ކުރިން ފެނިފައިވާ އަންހެނެއް ނޫނެވެ.

ނާމީ އާ ކައިވެނި ކުރުމުގެ ކުރީން އެންމެ ފުރަތަމަ ދެމީހުން އެކުގައި އުޅޭކަން ރަވީ އިއުލާނުކޮށްފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ.

https://www.instagram.com/p/ConD_Qwy2tJ

ރަވީ އާއި ނާމީގެ ކުރީން ރާވީ ކައިވެނި ކޮށްގެން އުޅުނީ ދިވެހި ފިލްމު އިންޑަސްޓްރީގައި އެންމެ ފާހަގަކޮށްލެވޭ ތަރިންގެ ތެރޭގައި ހިމެނޭ އައިޝަތު ރިޝްމީ އާއެވެ. ދެމީހުން ކައިވެނި ކޮށްފައިވަނީ 2019 ވަނަ އަހަރުގައެވެ. ނަމަވެސް ދެމީހުންގެ މުސްތަގުބަލާ މެދު ވިސްނުން ތަފާތުވާ ކަމަށް ގަބޫލުކުރެވި ދެމީހުން ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވަރިވެފައެވެ.

ރިޝްމީގެ ކުރީން ވެސް ރަވީ ވަނީ ދެ ކައިވެންޏެއް ކޮށްފައެވެ. އެގޮތުން އޭނާ އެންމެ ފުރަތަމަ ކައިވެނިކޮށްފައިވަނީ 2007 ވަނަ އަހަރު ލަވަކިޔުންތެރިޔާ ލަހުފާ ފާއިޒް އާއެވެ. އަދި އެއަށްފަހު 2008 ގައި ކައިވެނިކޮށްފައިވަނީ ފާތިމަތު ރިވާ ހަސަން އާއެވެ. ރިވާ އާއި ރަވީގެ ކައިވެންޏަށް ވަނީ ދެ ދަރިން ލިބިފައެވެ. ރިވާ އާ ކައިވެނިކުރުމަށްފަހު 2009 ވަނަ އަހަރުގައި ފުރަތަމަ ދަރިފުޅު ލިބިފައިވާއިރު 2013 ވަނަ އަހަރު ދެވަނަ ދަރިއަކު ލިބުނެވެ. ނަމަވެސް ދެވަނަ ދަރި ލިބި މާ ގިނަ ދުވަސްތަކެއް ނުވަނީސް ވަނީ ދެމީހުން ވަރިވެފައެވެ.