ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކޮންގްރެސްއަށް ނައިބު ރައީސް ފައިސަލް ނަސީމަށް ދައުވަތު ފޮނުވި ކަމަށާއި ވަޑައިނުގަތް ސަބަބެއް ނޭނގޭ ކަމަށް އެ ޕާޓީން ބުނެފިއެވެ.

މި އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި އެ ޕާޓީން އަމަލު ކުރާނެ ގޮތަކާ ގުޅިފައިވާ ޖޭޕީގެ ގައުމީ ކޮންގްރެސް އިއްޔެ ދަރުބާރުގޭގައި ފަށައިފައިވާއިރު، އެ ޕާޓީގެ ކައުންސިލްގައި ވެސް ހިމެނިވަޑައިގަންނަވާ ނައިބު ރައީސް ފައިސަލް އެ ކޮންފަރެންސްގައި ބައިވެރިވެފައެއް ނުވެއެވެ.

އެ ޕާޓީގެ ތަރުޖަމާނު އަލީ ޞާލިހް ވިދާޅުވި ގޮތުގައި އެ ޕާޓީގައި ހިމެނޭ އެންމެހާ ކައުންސިލް މެންބަރުންނާއި އެ ނޫން ވެސް ލީޑާޝިޕްގައި ހިމެނޭ ފަރާތްތަކަށް އެ ޕާޓީން ވަނީ ކޮންގްރެސްގެ ދައުވަތު ފޮނުވައިފައެވެ. އެ އުސޫލުން، ނައިބު ރައީސް ފައިސަލަށް ވެސް ދައުވަތު ފޮނުވިކަން އޭނާ ވަނީ ކަށަވަރު ކޮށްދީފައެވެ. އެކަމަކު، އެ މުހިއްމު ކޮންގްރެސްގައި އެ މަނިކުފާނު ބައިވެރިވެވަޑައިނުގަތް ސަބަބެއް ނޭނގޭ ކަމަށް އަލީ ވިދާޅުވިއެވެ.

އަދި، އެ ކަމާ ގުޅިގެން އިތުރު އެއްވެސް އެއްޗެއް ބުނަން އެ ޕާޓީން ބޭނުންނުވާ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. ވަޑައިނުގަތް ސަބަބަކާ ގުޅޭ ގޮތުން ފައިސަލްގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ޖޭޕީން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އަމަލު ކުރާނެ ގޮތެއް ނިންމާ މި ދައުރުގެ ކޮންގްރެސްއަށް ނައިބު ރައީސް ވަޑައިގެންފައިނުވާއިރު އެ މަނިކުފާނު ވަނީ އެ ޕާޓީން ގޮތެއް ނިންމުމުގެ ކުރިން، ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދުކުރައްވާނެކަން އިއުލާނު ކުރައްވައިފައެވެ.

ދެވަނަ ދައުރަކަށް ރައީސް ޞާލިހާއެކު ހުންނަވާނެކަން އެ މަނިކުފާނު އިއުލާނު ކުރެއްވީއިރު، ޖޭޕީން ރިޔާސީ އިންތިޚާބާ ދޭތެރޭ ވަކި ގޮތެއް ނިންމައިފައެއް ނުވެއެވެ.

އެހެންވެ، އެ ޕާޓީގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން ވަނީ ނައިބު ރައީސް ފައިސަލް ނަސީމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި، އެންމެ ރަނގަޅު ގޮތަކީ އެ މަނިކުފާނު އަމިއްލަފުޅަށް ޕާޓީން ވަކިވުން ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު އަދި ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހުމަދު ވަނީ ވިދާޅުވެފައެވެ.

މިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހްގެ ރަނިންމޭޓެއްގެ ގޮތުގައި ފައިސަލް ވާދަކުރެއްވީ ޖޭޕީގެ ސްލޮޓެއްގައެވެ. ނަމަވެސް، ސަރުކާރަށް އައުމަށް ފަހުގައި އެ މަނިކުފާނު ވަނީ ޖޭޕީއާ ވަރަށް ދުރުވެފައެވެ.