25 Feb 2023, 09:21
މާލޭގައި ރޭ ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި ޒުވާނާއަށް ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.
މާފަންނު ބީޖީ ގަރާޖު ކައިރި ހުރި ފިހާރައެއްގެ ތެރޭގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައި ވަނީ ރޭ 9:30 ހާއިރުއެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޮޕަރޭޝަން ތިއޭޓަރުގައި ދޭންޖެހޭ ފަރުވާތައް ދިނުމަށްފަހު މިހާރު އޭނާއަށް ފަރުވާދެނީ ވެންޓިލޭޓަރުގައި ކަމަށެވެ.
އޭނާއަށް ހަމަލާދިނީ ކްރާސާ ނަމަކަށް ކިޔާ ފިހާރައެއްގެ ތެރޭގައެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެ ފިހާރަށް އެ ޒުވާނާވަނީ އޭނާ ހޯދަމުން ދިޔަ ބަޔަކަށް ފިލުމަށެވެ. އޭނާ ފިހާރައިގެ ތެރޭ ހުއްޓައި ސައިކަލެއްގައި އައި ދެ މީހަކު އެ ފިހާރައަށް ވަދެ، އޭނާއަށް ހަމަލާ ދިނީ ކަމަށް "ސަން"އަށް މައުލޫމާތު ލިބިފައިވެއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ ހާދިސާގައި އަނިޔާވެފައި ވަނީ 30 އަހަރުގެ ފިރިހެނަކަށް ކަމަށެވެ.