24 Feb 2023, 23:19
މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ތިން ލައްކައަށް އަރައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ހާމަ ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަންގާރަ ދުވަހާ ހަމައަށް 308،367 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އެއީ ފާއިތުވި އަހަރުގެ އެހާތަނަށް އައި ފަތުރުވެރިންގެ އަދަދަށް ވުރެ، 27.6 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހާ ހަމައަށް ރާއްޖެ އައިސްފައި ވަނީ 241،750 ފަތުރުވެރިންނެވެ.
ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ތިން ލައްކައަށް އަރާފައިވާއިރު އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ. އެއީ 39,262 ފަތުރުވެރިންނެވެ.
ދެ ވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ އިންޑިޔާއިންނެވެ. އިންޑިޔާއިން އައި ފަތުރުވެރިންގެ އަދަދަކީ 33,561 އެވެ. އިނގިރޭސިވިލާތުން 28,876 ފަތުރުވެރިން އައިސްފައިވާއިރު އިޓަލީން އައިސްފައިވަނީ 28,426 ފަތުރުވެރިންނެވެ.
ކޮވިޑްގެ ކުރިން، 2019 ވަނަ އަހަރު ރާއްޖެއަށް ޖުމްލަ 1.70 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރިއިރު މިދިޔަ އަހަރު ސަރުކާރުން އަމާޒު ހިފީ 1.6 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. އެ އަމާޒަށް ވާސިލުވެ، މިދިޔަ އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.68 މިލިއަނަށް އެރިއެވެ.
މި މަހުގެ ހަވަނަ ދުވަހު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، މިއަހަރަށް ސަރުކާރުގެ އަމާޒަކީ 1.8 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށެވެ.