ކުރިއަށް އޮތް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން ނިންމީ ރައްޔިތުންގެ ލާބައާއި މަންފާއަށް ކަމަށް އެޕާޓީގެ ނައިބު ރައީސް އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީއާއެކު ކޯލިޝަން ހަދަން ނިންމާފައިވާކަން އިއުލާންކުރުމަށްފަހު އެމްޑީއޭއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ، ރައީސް ޞާލިޙަށް ތާއީދުކުރަން ނިންމި އެންމެ މުހިންމެ އެއް ސަބަބަކީ ކޮވިޑްގެ ބަލިމަޑުކަމުގައި ގައުމުގެ ކަންކަން ހަމައަކަށް އަޅުވައި ބެލެހެއްޓުމުގައި އެމަނިކުފާނު ގެންގުޅުއްވި ސިޔާސަތު ކަމަށެވެ.

އަދި ފާއިތުވި ފަސް އަހަރު ދުވަހު ގައުމަށް އިގްތިސާދީ ހަމަޖެހުން ގެނައުމަށް ރައީސް ޞާލިޙް ކުރެއްވި މަސައްކަތް މައުރޫފް ވަނީ ފާހަގަކުރައްވާފައެވެ.

އެމަނިކުފާނުގެ ފަސް އަހަރަކީ ވަރަށް ހަމަހިމޭން ފަސް އަހަރު. ރައީސް ޞާލިޙަކީ ވަރަށް ހިކުމަތްތެރި ބޭފުޅެއް. އަޅުގަނޑުމެންގެ ޕާޓީގެ ރައީސް ކޯލިޝަނެއް މި ހަދަނީ ސަރުކާރުން ލިބިދާނެ މަންފާތަކަކަށް ނޫން، ފައިދާތަކަކަށް ނޫން. މިނިސްޓަރު ކަމަކަށް ނޫން، ލިބިދާނެ މަގާމުތަކަކަށް ނޫން. ގައުމާއި ރައްޔިތުންނަށްޓަކާ ހެދޭ ކޯލިޝަނެއް މިއީ.އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް

މީގެއިތުރުން އެމްޑީއޭއިން އިދިކޮޅު ޕީޕިއެމް / ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އެއްބަސްނުވީ ކީއްވެތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މައުރޫފް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއެކު ކޯލިޝަންގައި ހޭދަކުރަން ޖެހުނީ ވަރަށް ހިތްދަތި ދުވަސްތަކެއް ކަމަށާއި، ކޯލިޝަން ދެމެހެއްޓީ ގައުމީ މަސްލަހަތަށް ކަމަށެވެ.

ރައީސް ސާލިޙަށް ތައުރީފުކުރައްވައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ، އެމްޑީއޭއިން ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރާނީ ރައީސްގެ ސިޔާސަތުތައް ތަންފީޒްކޮށް ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދެއްވުމަށް ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސަށް ތާއިދު ކުރުމާ ބެހޭ ގޮތުން އެމްޑީއޭގެ ގައުމީ މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވީ 36 މެމްބަރުންނެވެ. އޭގެ ތެރެއިން، ރައީސް ޞާލިޙަށް ތާއިދު ކުރަން 34 މެމްބަރުން ވޯޓު ދެއްވި އިރު އެކަމާ ދެކޮޅަށް ވޯޓު ދެއްވީ ދެ މެމްބަރުންނެވެ.