ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ފުޓްބޯޅައަށްދިން އަހައްމިއްޔަތުކަމަށް ވުރެ ބޮޑު ސަޕޯޓެއް މިހާރުގެ ސަރުކާރުން ފުޓްބޯޅަ އަށް ލިބިގެންދާނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އަލީ އާޒިމް ރޭ ވިދާޅުވެއްޖެ އެވެ.

އާޒިމް އަކީ ޑީއާރުޕީގެ މެމްބަރެކެވެ. ޑީއާރުޕީއަކީ މިހާރު އޮތް ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގައި ހިމެނޭ ޕާޓީ އެކެވެ.

ސަންއެފްއެމްގެ ކުޅިވަރު ޕޮރޮގްރާމްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ފައިސާގެ ގޮތުން ބަލާއިރު، ކުރީގެ ސަރުކާރުން ދެމުންގެންދިޔަ 12 މިލިއަން ރުފިޔާ، 2008 އިން ފެށިގެން 2009 ވަނަ އަހަރާ ހަމައަށް ދެމުންދަނިކޮށް، ދުނިޔެއަށް އައި އިގްތިސޯދީ ހީނަރު ކަމުގެ ސަބަބުން ކުޑަވި ކަމަށެވެ.

"ވަރަށް ގިނަ ވައުދުތަކެއްވެ ވަޑައިގަނެގެން ރައީސް ކަމަށް ވަޑައިގަތީ. ހުރެދާނެ އެވައުދުތައް ފުއްދުމަށްޓަކައި ކުޅިވަރު ކުޑަކޮށް މަޑުޖައްސާލުމަށްފަހު ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާ ކުރިއަރުވަން ވިސްނާފައި. ފަހަރުގައި ވެދާނެ އެ ލިބުން ފައިސާކޮޅު ކުޅިވަރަށް އެހާ ބޮޑު ހޭދައެއް ނުކޮށް އެހެން ކަންތައްތަކަށް ހޭދަކުރި ކަމަށް" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، ކުރިން ލިބެމުންދިޔަ 12 މިލިއަން ރުފިޔާ، ނަޝީދުގެ ސަރުކާރުން ދެ މިލިއަނަށް ކުޑަވެގެން ދިޔަ ކަމަށެވެ.

"އަޅުގަނޑުމެންނަކީ އަމިއްލަ ޖަމްއިއްޔާއެއް. ސަރުކާރުން ފައިސާ ދެންޏާ ސަރުކާރުން ބަސްވެސް ބުނާނެ. އެބަސްތައް އަޑުވެސް އަހަންޖެހޭނެ. މިނިވަންތަނެއްގެ ގޮތުގައި ހިންގަން ބޭނުންނަމަ ދޭ ފައިސާ ކޮޅުގަ ބޮޑަށް ނުހިފައިވޭތޯ ބަލަންޖެހޭނެ. ކަންދިމާކުރި ގޮތުން އޮޓެމެޓިކުން ލިބެމުންދިޔަ 12 މިލިއަން ރުފިޔާއިން 10 މިލިޔަން ރުފިޔާ މަދުވީ."އާޒިމް ވިދާޅުވިއެވެ،.

އާޒިމް ވިދާޅުވީ، 2008ގެ ކުރިން އެއްވެސް ކުލަބަކަށް އެފްއޭއެމްއިން ފައިސާގެ އެހީއެއް ނުވާކަމަށާއި އެހެން ނަމަވެސް އެފްއޭއެމްގެ ރައީސްގެ މަގާމާ އޭނާ ހަވާލުވީއްސުރެ، ދިވެހި ލީގް ކުޅޭ ކޮންމެ ކުލަބަކަށް އަހަރެއްގެ މަތިން ދެ ލައްކަ ރުފިޔާ ދެމުން ދިޔަ ކަމަށެވެ. އަދި އެފްއޭއެމްއިން ބާއްވަމުން އައި މުބާރާތްތައް އާޒިމްގެ ރައީސް ކަމުގެ އިތުރު ކޮށްދީފައިވާ ކަމަށެވެ.