މޯލްޑިވްސް ޑިވެލޮޕްމަންޓް އެލާޔަންސް (އެމްޑީއޭ)އިން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއެކު ކޯލިޝަން ހަދަން ނިންމުމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ޝުކުރު އަދައިކުރައްވައިފައެވެ.

މިއަދު އޮތް އެމްޑީއޭގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވި ޖުމްލަ 39 މެމްބަރުންގެ ތެރެއިން 34 މެމްބަރަކު ވަނީ އެމްޑީޕީއާއެކު ކުރިއަށް ދިއުމަށް ތާއީދުކޮށް ވޯޓު ދީފައެވެ. ދެ މެމްބަރަކު ނުފެންނަކަމަށް ވޯޓު ދީފައިވާއިރު ވަކި ގޮތަކަށް ވޯޓު ނުދޭ ތިން މެމްބަރަކު ތިއްބެވިއެވެ.

އެއާއެކު އެ ޕާޓީން ނިންމީ އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށެވެ.

"އަޅުގަނޑުމެން މަސައްކަތްކުރާނީ ދިވެހިރާއްޖޭގެ ހަމަޖެހުމާއި ތަރައްގީއާއި ކުރިއެރުމަށް އަޅުގަނޑުމެން ފެށި ދަތުރު މަޑުނުޖެހި ކުރިއަށް ގެންދިއުމަށް،" ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޑީޕީއިން މިރޭ ނެރުނު ނޫސް ބަޔާނުގައި ވެސް ވަނީ އިންތިޚާބުގައި އެ ޕާޓީއާއެކު ކޯލިޝަން ހަދަން އެމްޑީއޭއަށް ދިން ދައުވަތު ގަބޫލުކޮށް، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓާއެކު މަސައްކަތް ކުރަން ނިންމި ނިންމުމަށް އެ ޕާޓީގެ ފަރާތުން މަރުހަބާ ކިޔާކަމަށް ބުނެފައެވެ.

އަދި އެމްޑީއޭގެ އެ ނިންމުމަކީ، ރައީސްގެ ވެރިކަމުގެ މި ދައުރުގައި ރާއްޖެއަށް ގެނެސް ދެއްވި ހަމަޖެހުން ގަބޫލުކޮށް، ރާއްޖޭގެ ރައްޔިތުންގެ ހައްގުގައި ނިންމި ނިންމުމެއް ކަމަށް އެ ޕާޓީން ދެކޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީއޭއިން ކޯލިޝަނެއް ހަދާނެ ޕާޓީއެއް ކަނޑައެޅީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އެމްޑީއޭގެ ކެނޑިޑޭޓަކު ނުނެރުމަށް ނިންމި ނިންމުމަށްފަހުގައެވެ.

ކޯލިޝަން މަޝްވަރާއަށް ޕީޕީއެމުގެ ބައެއް ބޭފުޅުން ވެސް އިއްޔެ ވަނީ އެމްޑީއޭއާ ބައްދަލުކޮށްފައެވެ.