މިއަހަރުގެ ރިޔާސީ އިންތިޚާބުގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރަން ނިންމައިފިއެވެ.

މިފަދައިން ނިންމާފައިވަނީ މިހާރު ކުރިއަށްދާ އެމްޑީއޭގެ ގައުމީ މަޖިލީހުގެ ޖަލްސާގައެވެ. އެކަމާ ބެހޭ ގޮތުން ގައުމީ މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވީ 36 މެމްބަރުންނެވެ. އޭގެ ތެރެއިން، ރައީސް ޞާލިޙަށް ތާއިދު ކުރަން 34 މެމްބަރުން ވޯޓު ދެއްވި އިރު އެކަމާ ދެކޮޅަށް ވޯޓު ދެއްވީ ދެ މެމްބަރުންނެވެ.

އެމްޑީއޭއާއެކު ކޯލިޝަން ހެދުމުގެ ޝައުގުވެރިކަން ފާޅުކޮށް، އެމްޑީޕީން އިއްޔެ ވަނީ އެ ޕާޓީއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފައެވެ.

އެގޮތުން، އެ ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގެންފައިވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)އެވެ.

އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަޙުމަދު ސިޔާމް މުޙައްމަދު ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުގައި އޭނާ ވާދަކުރެއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިނުގަންނަވާތީ އިންތިޚާބުގައި ވާދަނުކުރެއްވުމަށް ނިންމަވާފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙާއެކު ކޯލިޝަން ހެދުމަށް އެމަނިކުފާނު ދެއްވާފައިވާ ދައުވަތު މިހާތަނަށް ގަބޫލުކޮށްފައިވަނީ އެމްޑީއޭ އާއި އަދާލަތު ޕާޓީންނެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރުމާމެދު ޖުމްހޫރީ ޕާޓީން އަދި ވަކިގޮތެއް ނިންމާފައިނުވާއިރު، ޖޭޕީން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށާއި، އެހެން ނޫންކަމުގައި ވަނީ ނަމަ އެޕާޓީ އިސްވެ އޮވެ ކޯލިޝަނެއްގެ ތެރެއިން ވާދަކުރުމަށް މާދަމާ އޮންނަ އެ ޕާޓީގެ ގައުމީ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.

އެމްޑީޕީއާ އެކު ކޯލިޝަން ހެދުމުގެ ކުރިން އެމްޑީއޭއިން ވަނީ އިދިކޮޅު ޕީޕީއެމް / ޕީއެންސީ އާއެކު ވެސް މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.