މިއަހަރުގެ ނޮވެމްބަރު މަހު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ ސަލްމާން ޚާންގެ ފިލްމު "ޓައިގާ 3"އިން އެކްޓަރު ޝާހްރުކް ޚާން ފެންނާނެކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ވައިއާރްއެފްގެ މިފިލްމުން ޝާހްރުކް ޚާން ފެނިގެންދާނީ ސަލްމާން ޚާންއާއެކު ކެމޯ ސީންއަކުންނެވެ.

ފިލްމު "ޕަތާން"ގައި އެކްޓަރު ސަލްމާން ޚާންގެ ފެނިލުމެއް ހިމެނުނުގޮތަށް "ޓައިގާ3"އިންވެސް ދެ އެކްޓަރުންގެ ޚާއްސަ ސީން ފިލްމުގައި ފެންނާނެއެވެ. އަދި ޝާހްރުކް މިފިލްމުގައި ފެންނަނީ ވެސް "ޕަތާން"ގެ ކެރެކްޓާގައެވެ. "ޓައިގާ3"ގެ މިޝޫޓިންގް ޝެޑިއުލް ދެ އެކްޓަރުން ނިންމަން ތައްޔާރުވެފައިވަނީ އޭޕްރީލް މަހުތެރޭގައެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން ފިލްމުގެ ޝޫޓިން ކުރިއަށްދާނީ އިންޑިއާގެ މުމްބާއީގައެވެ.

ފިލްމު "ޓައިގާ3"އަކީ "ޕަތާން"އަށްފަހު ޔަޝް ރާޖް ކުންފުނިން މިއަހަރު ރިލީޒްކުރާނެ އެންމެ އުއްމީދީ އެއް ފިލްމެވެ. ސަލްމާން ޚާންއާއި ޝާހްރުކް ޚާންގެ ފިލްމު "ކަރަން އަރުޖުން"އަށް ފަހު ދެ ތަރިން އެކީގައި ފިލްމަކުން ފެނިގެން ދިއުމަކީ ދެ ތަރިންގެވެސް ވަރަށްބޮޑު އުއްމީދެކެވެ. ސަލްމާން ގެ އިތުރުން ފިލްމު "ޓައިގާ3"ގެ ވަރަށް މުހިއްމު ރޯލަކުން އެކްޓަރު އިމްރާން ހާޝްމީވެސް ފެނިގެންދާނެއެވެ.

މިއީ އިމްރާން ޙާޝްމީ މިފްރެންޗައިސްއާއި ގުޅޭ ފުރަތަމަ ފަހަރުވެސްމެއެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން މިފިލްމުގެ މޭސްތިރިކަމަށްވާ އަދިތްޔާ ޗޯޕްރާ އެންމެބޮޑު އިސްކަމެއް މިހާރު ދީފައިވަނީ ފިލްމުގައި ޝާހްރުކް ޚާން ގެނެސްދޭއިރު ފިލްމު "ޕަތާން"އިން ދެއްކި ޖާދުވެސް "ޓައިގާ3"ގެ ސީންއިން ދެއްކުމަށެވެ.

ކުޅަދާނަ ޑައިރެކްޓަރު އަދިތްޔަ ޗޯޕްރާގެ ވިސްނުންހުރީ 2019ވަނަ އަހަރު ރިލީޒްކުރި ފިލްމު "ވޯ"ގެ ކެރެކްޓަރ ކަބީރު، އެކްޓަރު ރިތިކް ރޯޝަންގެ ސީންއެއްވެސް ފިލްމުގައި ހިމެނުމަށެވެ. މިއަހަރު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ސަލްމާން ޚާންގެ ފިލްމުތަކުގެތެރޭގައި "ކިސީކާ ބާއި ކިސީ ކީ ޖާން" ހިމެނެއެވެ. މިފިލްމަކީ، ސަލްމާން ޚާންގެ އަމިއްލަ ފިލްމު ކުންފުނި ސަލްމާން ޚާން ފިލްމްސްއިން ގެނެސްދޭ ފިލްމެކެވެ.