17 Apr 2012, 12:37
ތައުލީމީ ނިޒާމަށް ބޮޑު ބަދަލެއް ގެންނަންޖެހޭ ކަމުގެ އިންޒާރު ރާއްޖޭގެ މުޖުތަމައުން ބަލައިލި ކޮންމެ ދިމާއަކުން ވެސް ލިބެމުންދާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިރޭމުން ވާހަކަފުޅު ދެއްކެވީ ސާނަވީ އިމްތިހާނުތަކުގެ ވަނަތައް ހޯދި ދަރިވަރުނަށް އިނާމު ދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ތަރުބިއްޔަތު ނެތި ސްކޫލުތަކުން ނުކުންނަ ކުދިން ގިނަވެ ތަފާތު މައްސަލަތައް އިތުރުވަމުންދާ ކަމަށެވެ.
"ތަރުބިއްޔަތެއް ނެތި ސްކޫލު ނިންމާފައި ނުކުންނަ ކުދިން ގިނަވީވީހެން ތަފާތު މައްސަލަތަކުގައި ޖަލަށްދާ ޒުވާނުންވެސް ދަނީ ގިނަވަމުން. ތަޅާފޮޅުމާއި މާރާމާރީ ދަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން،" ރައީސް ވިދާޅުވި އެވެ. "ސައްތައިންސައްތަ މުސްލިމު ޤައުމެއްކަމަށް ވެތިބެ، މިކުޑަކުޑަ ދިވެހިރާއްޖޭގައި މީހުން މެރުންފަދަ ބޮޑެތި ޖަރީމާތައް ވެސް ދަނީ އިތުރުވަމުން. ވުމާއެކު ދެވޭ ތަޢުލީމާއި ތަރުބިއްޔަތާއި ނިކުންނަ ނަތީޖާއާމެދު ފުންކޮށް ވިސްނައި، ހެޔޮ ބަދަލުތަކެއް ތަޢުލީމީ ނިޒާމަށް ގެންނަންވެއްޖެކަމުގެ އިންޒާރު މިއަދު މުޖުތަމަޢުގެ ބަލާލި ކޮންމެ ދިމާއަކުން ލިބެމުން އެބަދޭ،"
ތައުލީމީ ނިޒާމަށް ބަދަލު ގެންނަން ޖެހޭ ކަމުގެ އިންޒާރުތައް ލިބެމުންދާ ކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ ރާއްޖޭގެ ތަޢުލީމުގެ ފެންވަރު މަތިކޮށް، ސްކޫލުތަކުން ނުކުންނަ ދަރިވަރުންނަކީ އިސްލާމް ދީންދެކެ ލޯބިވާ، ޤާނޫނާއި ޤަވާޢިދަށް ޙުރުމަތްތެރިކޮށް ހިތާ، އެކުގައި އުޅެން ދަންނަ ބަޔަކަށް ހަދަން ޖެހޭ ކަމަށެވެ. އެހެން ސަޤާފަތްތަކުގެ އަހުލުވެރިންނަށް ވެސް އިޙުތިރާމުކުރާ، ދިރިއުޅުމުގެ މަސައްކަތްކުރުމަށް ބޭނުންވާ، ޢިލްމާއި ހުނަރު ލިބިފައިވާ، ޤައުމަށް ތެދުވެރި އިޚްލާޞްތެރި ބަޔަކަށް ހަދަން ބުރަމަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސްކޫލްތަކުންދޭ ތަޢުލީމާ އެއްވަރަށް ކުދިން ތަރުބިއްޔަތު ކުރަން ވަރަށް ވަރުގަދަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށާއި ސްކޫލު ނިޒާމުގެ ތެރެއަށް ތަރުބިއްޔަތުގެ ބައި ވައްދާ ކުދިންގެ ކިބައިގައި ރަނގަޅު ސިފަތަކާއި، ހަރުދަނާ އަޚުލާގު އަށަގެންނެވުމަށް ޙިކުމަތްތެރިކަމާއެކު، މަސައްކަތްކޮށް އިޚްތިޔާރުތަކެއް ސްކޫލުތަކަށް ދޭން ޖެހޭ ކަމަށެވެ.
"ވަށާޖެހޭ ތަޢުލީމަށް މަގުފަހިވާގޮތަށް، ސްކޫލުތައް އެއް ދަންފަޅިއަށް ބަދަލުކުރެވޭ ހިނދު، އޭގެ ޙަޤީޤީ މާނައިގައި، ދަރިވަރުންނަށް ކްލާސްރޫމު ތެރޭގަޔާއި ސްކޫލުގެތެރޭގައި ދޭންޖެހޭ ފުރިހަމަ ވަގުތުދީ، ސްކޫލުތައް ހިންގުން ހަރުދަނާކުރުމުގައި ބެލެނިވެރިންގެ ދައުރު ފުޅާކޮށްދޭން އެބަޖެހޭ. އަދި ޕްރިންސިޕަލުންނާއި ޓީޗަރުންގެ ފެންވަރު މަތިކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކޮށް، އެފަރާތްތަކަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ލިބޭނެ ގޮތް ތަނަވަސްކޮށްދީ، ކިޔަވައިދިނުމުގެ މިންގަނޑުތައް ކަނޑައަޅައި، އެ ޙިމާޔަތްކޮށް ބެލޭނެ ނިޒާމެއް ޤާއިމުކުރަން އެބަޖެހޭ. ކިޔަވައިދޭ ޤައުމީ މަންހަޖު ޒަމާނާ އެއްގޮތަށް ބަދަލުކުރުމުގެ މަސައްކަތް އަވަސްކޮށް، ޓެކްނޮލޮޖީގެ އާ ވަސީލަތްތައް ކްލާސްތަކަށް ލިބޭނެގޮތް ހަމަޖައްސައި، ކުދިންނާ ރައްޓެހި ސްކޫލު މަފްހޫމު ވީހާވެސް އަވަހަކަށް ތަޢާރުފުކޮށް ހިންގަން އެބަޖެހޭ،"
ތަޢުލީމުގެ މާނައާމެދު ފިކުރުކުރަން ޖެހޭ ކަމަށާއި ތަޢުލީމާއި ރޫޙާނީ ތަރައްޤީއަށް ސަމާލުކަންދޭ އުފާވެރި ވެއްޓެއްގައި، ފާގަތި ދިރިއުޅުމެއް އުޅެވޭނެ ހަރުދަނާ ޒުވާނުންތަކެއް ރާއްޖޭގެ ތަޢުލީމުގެ ތެރެއިން ބައްޓަންކޮށް މުޖުތަމަޢަށް ނެރެން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"... ތަރުބިއްޔަތެއް ކުދިންނަށް ދެވޭނީ މިހާރަށްވުރެ ބޮޑަށް ބެލެނިވެރިންނާ މުދައްރިސުންނާއި ސްކޫލްތަކުގެ ވެރިން ގުޅިގެން މަސައްކަތް ކޮށްގެން. ކުދިންގެ ތަޢުލީމާއި ތަރުބިއްޔަތަށްޓަކައި ވަރަށް ސާފުސާދާ، ދެފުށް ފެންނަ ގުޅުމެއް އެފަރާތްތަކާއި އަދި ކުދިންނާ ދެމެދު އުފެދިގެން. ޙާޞިލު ކުރަން ބޭނުންވާ ލަނޑުދަނޑިތައް އެކުގައި ޙިއްޞާކޮށް، އެލަނޑުދަނޑިތައް ޙާޞިލު ކުރުމަށް ސްކޫލްތަކުގެ ވެރިންނާއި، ޓީޗަރުންނާއި، މުވައްޒަފުންނާއި، ބެލެނިވެރިންނާއި، ދަރިވަރުންނާއި އަދި ރަށުގެ ކަމުވޮށިގެންވާ ފަރާތްތައް ވަރަށް ބޮޑަށް ގުޅިގެން މަސައްކަތްކޮށްގެން،" ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު އަދި ވިދާޅުވީ އެކަން ހާސިލު ކުރުމަށް ރަށާއި އަވަށު ވާދައާއި ފިތުނައާއި ޙަސަދަވެރިކަމުން ވެށި ސަލާމަތްކޮށް ބޮޑެތި މީހުން ރަނގަޅު ނަމޫނާއެއް ދައްކަން ޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ ޤައުމެއްގެ އިޤްތިޞާދާއި ތަރައްގީގެ ނާރެހުގެ މައި ތަޅުދަނޑިއަކީ ތަޢުލީމު ކަމަށާއި އިންސާނާގެ ފިކުރު ތަރައްޤީކޮށްދޭ އެއްމެ ބޮޑު ވަސީލަތަކީ ވެސް އެއީ ކަމަށްވާއިރު ޖަހާލަތު އަނދިރިން މުޅި އިންސާނިއްޔަތު ހިދާޔަތުގެ މަގަށް ނެރެދިން އަލިގަދަ ދަންމަރަކީ ވެސް ތައުލީމް ކަމަށެވެ.
"މިކަމުގެ މުހިންމުކަން އެނގިތިބެ ރާއްޖޭގެ ރައްޔިތުން، ތަޢުލީމަށްޓަކައި ވަރަށް މަތިވެރި ޚިދުމަތްތަކަކާއި ހޭދަތަކެއް މި ދަނީ ކުރަމުން،" ރައީސް ވިދާޅުވި އެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ބައެއް ތަފާސް ހިސާބުތަކުގެ މައްޗަށް އަލި އަޅުވާލައްވާ ވިދާޅުވީ މިދިއަ އަހަރު، މި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކިޔެވި 70400 ސްކޫލު ދަރިވަރުންގެ ތައުލީމަށް ދައުލަތުގެ ބަޖެޓުން 1.7 ބިލިޔަން ރުފިޔާ ޚަރަދު ކުރި ކަމަށާއި ތަޢުލީމާ ތަރުބިއްޔަތު ފޯރުކޮށް ދިނުމަށް 6500 ޓީޗަރުންނާއި، 700 ލީޑިން ޓީޗަރުންނާއި، 60 ޕްރިންސިޕަލުންނާއި، 200 ޑެޕިއުޓީ ޕްރިންސިޕަލުން މަސައްކަތް ކުރި ކަމަށް ވެސް ތައުލީމީ ދާއިރާގެ ތަޖުރިބާކާރު، އަދި ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ތަރުބިއްޔަތާއި ރީތި ސިފަތަކާއި، މަސައްކަތުގެ ހުނަރާ ނުލައި، ކުދިންގެ ސިކުނޑިތަކަށް މަޢުލޫމާތު ފޯރުވައިދިނުމަށް ބަންޓަން ވެފައި އޮތުމުން ރީތި އަޚުލާޤާއި ސްލޫކީ ސިފަތަކަށް ބީރައްޓެހިވެ، ދިވެހިން ޒަމާނުއްސުރެ އެކަމަކަށް ފަޚުރުވެރިވާ، މަސައްކަތުގެ ހުނަރާއި ފަންނުވެރިކަން ގެއްލެމުން ދާ ކަމަށެވެ.
"ތިމާގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ކޮންމެހެން ތިމާ ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައިވެސް މިއަދު އަޅުގަނޑުމެން މިވަނީ ލިބޭ މަދު ފައިސާކޮޅުން ބޭރު މީހުންނަށް މުސާރައަށް ދޭންޖެހިފައި. ހިސާބުތައް ދައްކާ ގޮތުން ގާތްގަޑަކަށް ހަތާވީސްހާސް ދިވެހި ޒުވާނުން ވަޒީފާ ނެތިފައި އެބަތިބި. މިއީ މިކަހަލަ ކުޑަ އާބާދީއެއް އޮންނަ ޤައުމެއްގެ ނިސްބަތުން ވަރަށް ބޮޑު ޢަދަދެއް. ދިވެހިން މަސައްކަތަށް ނުނުކުތުމުގެ ނަތީޖާއަކީ، އަޅުގަނޑުމެންގެ ވަޒީފާތަކަށް ބިދޭސީން އައުން. މިހާރު މިރާއްޖޭގައި ގާތްގަނޑަކަށް 90 ހާހެއްހާ ބިދޭސީން މަސައްކަތުގައި އެބައުޅޭ. އެމީހުންގެ މުސާރައަށް އަހަރަކު އެތައް ސަތޭކަ މިލިއަން ރުފިޔާގެ ބޭރު ފައިސާ މި ޤައުމުން ބޭރަށް އެބަދޭ،" ރައީސް ވިދާޅުވި އެވެ.