24 Feb 2023, 12:42
ނެޓްފްލިކްސްއިން 30އަށް ވުރެ ގިނަ ގައުމުގެ ސަބްސްކްރައިބަރުންގެ ފީ އަގުހެޔޮކޮށްފިއެވެ.
އެގޮތުން އަގު ހެޔޮކޮށްފައި ވަނީ އޭޝިއާ، ޔޫރަޕް، ލެޓިން އެމެރިކާ، އެފްރިކާ އަދި މެދުއިރުމަތީގެ ބައެއް ގައުމުތަކަށެވެ.
އެ ގައުމުތަކުގައި ދިރިއުޅުމުގެ އަގުތައް އުފުލެން ފެށުމާ އެކީ ނެޓްފްލިކްސް އިން މިގޮތަށް ކަންތައް ކޮށްފައިވަނީ އިތުރު ސަބްސްކްރައިބަރުން ހޯދުމަށްޓަކައެވެ.
ސަތޭކަ ނުވަދިހައަށް ވުރެ ގިނަ ގައުމުގައި އޮޕަރޭޓް ކުރާ ނެޓްފްލިކްސްއަށް ވަނީ އެމެޒޯން، އެޗްބީއޯ އަދި ޑިޒްނީ ފަދަ ސްޓްރީމިން ވާދަވެރިންގެ ވާދަވެރިކަން ބޮޑުވެފައެވެ.
ސަބްސްކްރިޕްޝަން ޗާޖު ކުޑަކޮށްފައިވާ ގައުމުތަކުގެ ތެރޭގައި މެލޭޝިއާ، އިންޑޮނޭޝިއާ، ތައިލެންޑް، ފިލިޕީންސް، ކްރޮއޭޝިއާ، ވެނެޒުއެލާ، ކެންޔާ އަދި އީރާން ހިމެނެއެވެ.
ބީބީސީއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސަބްސްކްރިޕްޝަން ފީ ކުޑަކުރުން ވަކި ޕްލޭނެއްގެ ދަށުން އަމަލުކުރާއިރު، ބައެއް ހާލަތްތަކުގައި ދެބައިކުޅަ އެއްބައި ދަށްވާނެއެވެ.
ނެޓްފްލިކްސްއިން އަގު ހެޔޮކުރި ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް ނުވަތަ އެމެރިކާގެ ނަން ހާމަކޮށްފައެއް ނުވެއެވެ. ނެޓްފްލިކްސް އިން ބުނީ މިހާރު އަންނަނީ ވަކި ގައުމުތަކެއްގެ އަގުތައް އަޕްޑޭޓް ކުރަމުން ކަމަށެވެ.
"އަޅުގަނޑުމެން އަބަދުވެސް މިދަނީ ސަބްސްކްރައިބަރުންގެ ތަޖުރިބާ ރަނގަޅު ކުރެވޭނެ ގޮތްތައް ހޯދަމުން." ނެޓްފްލިކްސްގެ ތަރުޖަމާނަކު ވިދާޅުވިއެވެ.
މިދިޔަ އަހަރު ނެޓްފްލިކްސްއިން ވަނީ އެތައް ސަތޭކަ މުވައްޒަފުންނެއް ވަޒީފާއިން ވަކިކޮށް، އަގުހެޔޮ ސްޓްރީމިން އޮޕަރޭޝަނެއް ތައާރަފްކޮށްފައެވެ.
ޖެނުއަރީ މަހު ނެޓްފްލިކްސްގެ ކޯ ޗީފް އެގްޒެކެޓިވް ގްރެގް ޕީޓާ ވަނީ އިތުރު ސަބްސްކްރައިބަރުން ހޯދުމަށް ރާވާފައިވާ ގޮތް ހާމަކޮށްފައެވެ. ޕީޓާ ބުނީ ބޭނުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިތުރު މެމްބަރުންނަށް ޚިދުމަތް ދިނުން ކަމަށެވެ.
ނެޓްފްލިކްސްގެ ސަބްސްކްރިޕްޝަން ހިއްސާކުރުން ހުއްޓުވުމަށް އެ ކުންފުނިން އަންނަނީ ފިޔަވަޅު އަޅަމުންނެވެ.
ނެޓްފްލިކްސް އިން ވަނީ މި މަހުގެ ކުރީކޮޅު އިތުރު ގައުމުތަކުގައި ޕާސްވޯޑް ހިއްސާކުރުމުގެ ލިމިޓްތަކެއް ތައާރަފްކޮށްފައެވެ.
އޭގެ ތެރޭގައި ކަސްޓަމަރުންނާ އެކު ނޫޅޭ ރައްޓެހިންނާއި އާއިލާއިން ސަބްސްކްރިޕްޝަން ހިއްސާ ކުރަން ބޭނުންނަމަ އިތުރު ފީއެއް ދައްކަން ޖެހޭނެއެވެ.
ނެޓްފްލިކްސް އިން ހާމަކުރި ގޮތުގައި މިދިޔަ ހޫނު މޫސުމުގައި އޭޕްރީލް މަހާއި ޖޫން މަހުގެ ފަހުކޮޅު ގާތްގަނޑަކަށް މިލިއަނެއްހާ ސަބްސްކްރައިބަރުން ގެއްލިފައި ވަނީ އިތުރު ބަޔަކު އެ ހިދުމަތް ދޫކޮށްލަން ނިންމުމާ ގުޅިގެން ކަމަށެވެ.
ނަމަވެސް ޖެނުއަރީ މަހު އެ ކުންފުނިން ބުނީ މިދިޔަ އަހަރު ނިމުނުއިރު ސަބްސްކްރައިބަރުންގެ އަދަދު އަނެއްކާވެސް އިތުރުވެފައިވާ ކަމަށެވެ.