ގޯލްޑެން ފުޓްސަލް ޗެލެންޖު 2023ގެ ކ. އަތޮޅު ސެމީ ފައިނަލް މެޗުތަކުން މޮޅުވެ ދިއްފުއްޓާއި އެންމެ ފަހުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ރަނަރަޕް ގާފަރު ކ. އަތޮޅު ފައިނަލަށް ދަތުރުކޮށްފިއެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ކ. އަތޮޅު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ މާފުއްޓާއި ދިއްފުއްޓެވެ. އެ މެޗުގެ ފުރިހަމަވިއިރު ކޮންމެ ޓީމަކުން ވަނީ ތިން ގޯލު ޖަހައިފައެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖަހައި ދިއްފުށިން މެޗު ކާމިޔާބުކުރިއެވެ.

މެޗުގައި ދިއްފުށީގެ ގޯލުތައް ޖެހީ ޒައިން ޒަފަރާއި، މުހައްމަދު މާޒިންގެ އިތުރުން މުހައްމަދު އަސްލަމްއެވެ. އަދި މާފުށީގެ ގޯލުތައް ޖެހީ ހުސައިން އިމްރާންގެ އިތުރުން އިސްމާއިލް ނަޒީހުއެވެ. މެޗުގައި ނަޒީހު ވަނީ ދެ ގޯލު ޖަހައިފައެވެ.

އެ އަތޮޅު ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ވެސް ނަތީޖާ ނެރުމަށް ޖެހުނީ ޕެނަލްޓީ ޖަހާށެވެ. އެގޮތުން ގާފަރާއި ކާށިދޫ ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1ގެ ނަތީޖާއަކުންނެވެ. އެހެންކަމުން ޕެނަލްޓީ ޖަހައި ގާފަރުން މެޗު ކާމިޔާބުކުރީ 5-3ގެ ނަތީޖާއަކުންނެވެ.

މެޗުގައި ގާފަރުން ޖެހި ހަމައެކަނި ގޯލު ސާމިން މުހައްމަދު ޖެހިއިރު ކާށިދޫގެ ގޯލު ޖެހީ އަކުމަލް މުހައްމަދެވެ.

ގާފަރާއި ދިއްފުށި ބައްދަލުކުރާ ކ. އަތޮޅުގެ ފައިނަލް މެޗު ކުޅޭނީ މާދަމާ ރޭ 10:00 ގައެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މި ފަހަރުގެ މުބާރާތްވެސް ކުރިއަށްދާނީ ކުރިންވެސް މުބާރާތް ކުރިއަށް ގެންދިޔަ އުސޫލުންނެވެ. ފުރަތަމަ އެ އަތޮޅެއް ނިސްބަތްވާ އަތޮޅު ބުރެއް ކުޅެން ޖެހޭއިރު އެ ބުރުން އެންމެ މޮޅު ޓީމުތައް ވާދަކުރަން ޖެހޭނީ ޒޯން ބުރުގައެވެ. ޒޯން ބުރުން އެންމެ މޮޅު 16 ޓީމު ދެން ވާދަކުރަން ޖެހޭނީ މުބަރާތުގެ ގަދަ 16ގައެވެ. އަދި އެ ބުރުން ކާމިޔާބު ހޯދާ ޓީމުތައް ކުއާޓާ، ސެމީ އަދި ފައިނަލް ކުޅެ މުބަރާތުގެ އެންމެ މޮޅު ޓީމެއް ހޮވޭނެއެވެ. އެ މުބާރާތުގެ ހުރިހާ މެޗެއް ކުޅޭނީ ހުޅުމާލެ ރެހެންދި ޓާފު ދަނޑުގައެވެ.

މިއަހަރު ކުޅޭ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ސަން ސިޔާމް މީޑިއާއެވެ.