24 Feb 2023, 09:45
ބަތަލާ ރާނީ މުކަރްޖީގެ ކުރިޔަށްއޮތް ފިލްމު " މިސިޒް ޗެޓަޖީ ވާސަސް ނޯވޭ"ގެ ޓްރެއިލާ ޢާއްމުކުރުމާއެކު ގިނަ ބައެއްގެ ތަޢުރީފު ރާނީއަށާއި ފިލްމު އުފެއްދި ފަރާތްތަކަށް އަންނަނީ ލިބެމުންނެވެ.
ނިކިލް އަދްވާނީ ޕްރޮޑިއުސަރެއްގެގޮތުގައި މަސައްކަތްކުރާ މިފިލްމަކީ، ޒީ ސްޓޫޑިއޯއާއި އެމްމޭ އެންޓަޓެއިންއާ ގުޅިގެން ގެނެސްދޭ ފިލްމެކެވެ.
މިހާތަނަށް ފިލްމުގެ ޕޯސްޓަރުތަކާއި ފިލްމުގެ ޓީޒާ ޢާއްމުކޮށްފައިވީ ނަމަވެސް ފިލްމުގެ ޓްރެއިލާއިން ރާނީ ދައްކުވައިދިން މައިވަންތަކަމުގެ ލޯތްބާއި އެ އިޙުސާސްތައް ކުޑަ ހިނދުކޮޅެއްގެތެރޭގައި ގިނަ ބައެއްގެ ހިތްތަކާއި ކުޅެލައިފިކަމަށް ޓްރެއިލާ ބެލި ގިނަ ބަޔަކު ވަނީ ބުނެފައެވެ.
ބައެއް ފަރާތްތަކުން ބުނެފައިވަނީ ފިލްމުގައި ދައްކުވައިދީފައިވާ ހާދިސާއަކީ ބޭރުގެ ޤައުމުތަކުގައި ވަރަށް ގިނައިން ހިނގާ ޙާދިސާއެއްކަމަށާއި މި ފިލްމު އިނގިރޭސި ބަހުންނާއި ޔޫރަޕްގެ ޤައުމުތަކުގެ ބަހުރުވައިން ޑަބްކުރަން ޖެހޭކަމުގައެވެ.
މި ފިލްމު އުފައްދާފައި ވަނީ ވެސް ޙަޤީޤީ ޙާދިސާއެއްގެ މައްޗަށް ބިނާކޮށެވެ. އެހެންކަމުން މައިވަންތަކަމުގެ ވިންދު ޖަހާ ކޮންމެ ހިތަކާއި މި ފިލްމު ކުޅެލާނެއެވެ. އަދި ސިނަމާއަށް ފިލްމު ބަލަން ވަންނަ މީހުން ރޮއްވާލާނެކަމަށް ވެސް ފިލްމުގެ ޓްރެއިލާ ބެލި ފިލްމީ ފަންނާނުން ވެސް ވަނީ ބުނެފައެވެ.
ފިލްމު ޕްރޮޑިއުސަރު ކަރަން ޖޯހަރު ބުނެފައިވަނީ، މި ފިލްމުގެ ޓްރެއިލާ ބެލުމަށްފަހު ޔަޤީންވި އެއް ކަމަކީ މިހާތަނަށް ބަތަލާ ރާނީ މުކަރްޖީގެ ކެރިއަރުގެ އެންމެ މޮޅު އެކްޓިންގް މި ފިލްމުން ފެނިގެންދާނެ ކަމުގައެވެ.
ކުރިޔަށް އޮތް މާރޗް މަހުގެ 17ވަނަ ދުވަހު ފިލްމު ރިލީޒްކުރުމަށް ނިންމާފައިވާއިރު ރާނީގެ އިތުރުން ބަތަލާ ނީނާ ގުޕްތާ އަދި ޖިމް ސަރްބް މިފިލްމުގެ މުހިއްމު ބަޔަކުން ފެންނާނެއެވެ.