ޓީ-ސީރީސްގެ ކާމިޔާބު މިއުޒިކަލް ހިޓް ފިލްމު "އާޝިޤީ"ގެ ތިން ވަނަ ބައިން އެކްޓަރު ކާތިކް އާރްޔަންއާއެކު ފެނިގެންދާނީ ބަތަލާ ސާރާ ޢަލީ ޚާންކަން ހާމަވެއްޖެއެވެ.

މީގެ ކުރިންވެސް ކާތިކްއާއެކު ފިލްމުން ފެނިގެންދާނެ ބަތަލާއިންގެ ނަންތަކެއް މީޑިއާއިން ވަނީ ހާމަކޮށްފައެވެ. ނަމަވެސް ފިލްމު އުފައްދާ ފަރާތަކާ ޙަވާލާދީ ބޮލީވުޑް ހަންގާމާއިން ބުނެފައިވަނީ، ކާތިކްއާއެކު ފިލްމުގައި ސާރާ ޢަލީ ޚާން ލީޑް ރޯލްއިން ފެންނާނެކަން ކަށަވަރުވެފައިވާ ކަމަށެވެ. މި ދެ ތަރިންނާއެކު ފިލްމުގައި އިތުރު ބަތަލާއެއް ފެންނާނެ ކަމަށް ވެސް ބޮލީވުޑް ހަންގާމާއިން ވަނީ ބުނެފައެވެ.

މި ޚަބަރަކީ ތެދު ޚަބަރަކަށް ވެއްޖެނަމަ މިއީ ސާރާއާއި ކާތިކް އެކީގައި ފެނިގެންދާނެ ދެ ވަނަ ފިލްމަށް ވާނެއެވެ. ދެ ތަރިން އެންމެ ފުރަތަމަ އެކީގައި ފެނިގެންދިޔައީ 2020 ވަނަ އަހަރު ރިލީޒްވި ފިލްމު "ލަވް އާޖް ކަލް"އިންނެވެ. ދެ ތަރިންގެ ކެމިސްޓްރީ ބެލުންތެރިންނަށް އޭރު ކަމުދިޔަ ނަމަވެސް ފިލްމަށް މާބޮޑު ކާމިޔާބެއް ލިބިފައެއްނުވެއެވެ. ހަމަ އެ ދުވަސްވަރު ސާރާއާއި ކާތިކްގެ ލޯބީގެ ގުޅުމެއް އޮތްކަމަށް ވެސް ވަރަށް ބޮޑަށް އަޑު ފެތުރިގެންދިޔައެވެ. ނަމަވެސް މިއަދާ ހަމައަށްވެސް މިކަމާ ގުޅިގެން ދެ ތަރިން ވާހަކަ ދައްކާފައެއް ނުވެއެވެ.

ޓީ-ސީރީސްގެ ރީތި ލޯބީގެ ފިލްމު "އާޝިޤީ"ގެ ދެވަނަ ބައެއް 2013ވަނަ އަހަރު ވެސް ވަނީ ރިލީޒްކޮށްފައެވެ. މި ފިލްމަކީ، އެކްޓަރު އަދިތްޔަ ރޯއި ކަޕޫރާއި ބަތަލާ ޝްރަދާ ކަޕޫރު ބޮލީވުޑަށް ތަޢާރަފްވި ފިލްމެވެ. މި ފިލްމަކީ، އެ އަހަރު ރިލީޒްވި ފިލްމުތަކުގެތެރެއިން ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ. އަދި ފިލްމުގެ މިއުޒިކަށް ވެސް ބެލުންތެރިންގެ ބޮޑު މަޤުބޫލުކަމެއް ވަނީ ލިބިގެން ގޮސްފައެވެ.