17 Apr 2012, 12:37
ސާދަ ވަނަ މައިލޯ އިންޓަސުކޫލް ބާސްކެޓް ބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން އިއްޔެ ކުޅުނު މެޗް އަމީނިއްޔާ ސުކޫލުން ކާމިޔާބު ކޮށްފި އެވެ.
ޒުވާޏުންގެ މަރުކަޒުގެ އެތެރޭކޯޓުގައި ކުޅުނު މިމެޗް އަމީނިއްޔާއިން ކާމިޔާބު ކުރީ ތާޖުއްދީނާ ވާދަކޮށް 36 ޕޮއިންޓް 25 ޕޮއިންޓުން ނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އަމީނިއްޔާ ސުކޫލަށް 11 ޕޮއިންޓު ކާމިޔާބު ކޮށްދިން ދީބާ އަހުމަދު އިސްމާއިލް އެވެ.
މިމުބާރާތުގައި އިއްޔެ ކުޅުނު 14 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިގެ މެޗް ކާމިޔާބު ކުރީ ތާޖުއްދީން ސުކޫލެވެ.
މިމެޗުން ތާޖުއްދީން މޮޅުވީ، ޖަމާލުއްދީނާ ބައްދަލުކޮށް 33 ޕޮއިންޓް 10 ޕޮއިންޓުން މެޗް ކާމިޔާބު ކޮށްގެންނެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ތާޖުއްދީނަށް 17 ޕޮއިންޓް ކާމިޔާބުކޮށްދިން އައިސަތު ސުބާތް ސާހިދެވެ.
އަދި މީގެއިތުރުން އިއްޔެ ކުޅުނު 12 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިގެ މެޗް އިސްކަންދަރު ސުކޫލުން ކާމިޔާބު ކުރީ ކަލާފާނާ ދެކޮޅަށް ކުޅެ، 17 ޕޮއިންޓް 10 ޕޮއިންޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.
މިމުބާރާތުގައި މިއަދު ވެސް ތިން މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިރޭ ކުޅޭ 16 އަހަރުން ދަށުގެ ފިރެހެން ކުދިންގެ ބައިން ވާދަކުރާ ތާޖުއްދީނާ ދެކޮޅަށް ދަރުމަވަންތަ ބައްދަލުކުރާ މެޗް ފަށާނީ 8:15 ގައެވެ. ސާދަ އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން މިއަދު ހަވީރު 5:00 ޖަހާއިރު ބައްދަލުކުރާ ދެޓީމަކީ ގިޔާސުއްދީނާއި އިސްކަންދަރެވެ. އަދި މިއަދު ކުޅޭ 12 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން ވާދަކުރާ ކަލާފާނާއި ބިލަބޮންގް ބައްދަލުކުރާ މެޗް ފަށާނީ މެންދުރު ފަހު 3:45 ގައެވެ.