ޕްރޮޑިއުސަރު ފީރޯޒް ނަދިއަދްވާލާ 2015ގައި އުފެއްދި ހެއްވާ މަޖާ ފިލްމު "ވެލްކަމް"ގެ ތިން ވަނަ ބައެއް އުފެއްދުމަށް ނިންމާފައިވާއިރު އަކްޝޭ ކުމާރްއާއެކު ފިލްމުން އިތުރު ދެ ތަރިން ފެންނާނެކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އަނީސް ބަޒްމީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ތިން ވަނަ ބައިން ފެނިގެންދާނީ އެކްޓަރު ސަންޖޭ ދަތާއި އަރުޝަދު ވަރްސީކަމަށް ރިޕޯޓުތައް ބުނެއެވެ. ސަންޖޭއާއި އަރުޝަދުގެފިލްމު "މުންނާ ބާއި"ގެ ސީރީސްތަކުން ދެ ތަރިންގެ ކެމިސްޓްރީ ބެލުންތެރިންނަށް ވަރަށް ބޮޑަށް ވަނީ ކަމުގޮސްފައެވެ.

ފިލްމު "ވެލްކަމް"ގެ ތިން ވަނަ ބައިން އަކްޝޭއާއެކު އެކު ސަންޖޭ ދަތު އަދި އަރުޝަދު ފެނިގެންދިއުމަކީ ފިލްމުގެ ވާހަކައަށް ލިބިގެންދާނެ އިތުރު ކުރިއެރުމެކެވެ. މި ފިލްމަށް މީގެކުރިން "ވެލްކަމް ޓު ދަ ޖަންގްލް"ގެ ނަމުން ވެސް ނަންދެވިފައިވެއެވެ.

ރިޕޯޓުތައް ބުނާގޮތުން "ވެލްކްމް 3"ގެ ޝޫޓިންގް ފެށުމަށް ނިންމާފައިވަނީ ދާދިފަހުން އަކްޝޭ ކުމާރް ގުޅުނު ފިލްމު "ހެރާ ޕެރީ 3"ގެ އެންމެ ފަހުގެ ޝެޑިއުލް ނިންމާލުމަށްފަހުއެވެ. މީގެ އިތުރުން އަކްޝޭ ކުމާރު މި ދުވަސްކޮޅު އަވަދިނެތި އުޅެނީ ރިލީޒްކުރުމަށް ތައްޔާރުވެފައިވާ ފިލްމު "ސެލްފީ"ގެ ޕްރޮމޯޝަނަލް މަސައްކަތްތަކުގައެވެ.

އަކްޝޭގެ އިތުރުން ފިލްމު "ވެލްކަމް"ގެ ސީރީސްތަކުން ފެނިފައިވާ ތަރިންގެތެރޭގައި، އަނިލް ކަޕޫރު، ނާނާ ޕަޓޭކަރު، ޕަރޭޝް ރަވަލް، ޖޯން އަބްރަހަމް، ކެޓްރީނާ ކައިފް އަދި ޝްރޫތީ ޙަސަން ހިމެނެއެވެ. ކުރީގެ ފިލްމުތަކެކޭ އެއްގޮތަށް މިފަހަރުގެ ފިލްމުވެސް ޕްރޮޑިއުސްކުރާނީ ފީރޯޒް ނަދިއަދްވާލާއެވެ. އަދި ފިލްމުގައި ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާނީ ޑައިރެކްޓަރު އަނީސް ބަޒްމީއެވެ. އެކްޓަރު ސަންޖޭ ދަތާއި އަރްޝަދު ފިލްމާއި ގުޅޭ ޚަބަރުތައް ތިލަވެފައިވާއިރު ފިލްމުގެ އިތުރު ކާސްޓުންނާއި ބެހޭ މަޢުލޫމާތު އަދި ހާމައެއްނުކުރެއެވެ.