23 Feb 2023, 23:33
ރާއްޖޭގައި މި އަހަރު ބާއްވާ ފުރަތަމަ ބައިނަލްއަޤްވާމީ ވޮލީބޯޅަ މުބާރާތް ކަމުގައިވާ ފޯ ނޭޝަންސް ކަޕް ފެށުމުގެ ރަސްމިއްޔާތު ނައިބު ރައީސް ފައިޞަލް ނަސީމް ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މިއީ 14 އަހަރަށް ފަހު ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ބައިނަލްއަޤްވާމީ ވޮލީބޯޅަ މުބާރާތެވެ. ބައިނަލްއަޤްވާމީ ވޮލީބޯޅަ މުބާރާތެއް ރާއްޖޭގައި އެންމެ ފަހުން ބާއްވާފައިވަނީ 2009 ވަނަ އަހަރު ސެންޓަރަލް އޭޝިއަން ވޮލީބޯލް މުބާރާތެވެ.
ފޯ ނޭޝަންސް ކަޕް ރާއްޖޭގައި ބާއްވާއިރު، އިންޓަނޭޝަނަލް މުބާރާތްތައް ބާއްވާ ތަނެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމަކީ ރައީސް ޞާލިޙުގެ ރިޔާސީ ވަޢުދެކެވެ. މީގެ އެންމެބޮޑު އެއް ބޭނުމަކީ ދިވެހި ޒުވާނުންނަށް ރާއްޖޭގެ ފެންވަރުގައްޔާއި ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމެވެ.
ސޯޝަލް ސެންޓަރުގައި ކުރިއަށްދާ ފޯ ނޭޝަންސް ކަޕްގައި ބައިވެރިވަނީ ސިންގަޕޫރާއި، މެލޭޝިޔާއާއި، އަފްޣާނިސްތާނާއި ރާއްޖޭގެ ޤައުމީ ވޮލީ ޓީމްތަކެވެ.
މިގޮތުން މި މުބާރާތުގެ ފިރިހެން ބައިގައި ވާދަކުރާނީ ސިންގަޕޫރާއި، މެލޭޝިޔާއާއި، އަފްޣާނިސްތާނާއި ރާއްޖޭގެ ޤައުމީ ވޮލީ ޓީމްތަކުންނެވެ. އަދި މި މުބާރާތުގެ އަންހެން ބައިގައި ވާދަކުރުމަށް ހަމަޖެހިފައި ވަނީ ސިންގަޕޫރާއި، މެލޭޝިޔާއާއި ރާއްޖޭގެ ޤައުމީ ވޮލީ ޓީމްތަކުންނެވެ. މުބާރާތް ފެށުމުގެ ގޮތުން މިރޭ ފުރަތަމަ މެޗުގައި ބައްދަލުކުރީ ރާއްޖޭގެ ޓީމާއި، މެލޭޝިޔާގެ ޓީމެވެ.
ފޯ ނޭޝަންސް ކަޕްގެ އިތުރުން ރާއްޖޭގެ ޤައުމީ ވޮލީބޯޅަ ޓީމުން މި އަހަރު ބައިނަލްއަޤްވާމީ ދެ މުބާރާތުގައި ބައިވެރުވުމަށްވަނީ ހަމަޖެހިފައެވެ.