23 Feb 2023, 23:13
ރާއްޖެއަށް ހިޖުރަކޮށް ރާއްޖޭގައި ދިރިއުޅޭ ބިދެސީންގެ ހައްގުތައް ހިމާޔަތް ކުރުމާބެހޭ ސަރަހައްދީ ބައްދަލުވުން، "ރީޖަނަލް މީޓިން އޮން ދަ ޕްރޮޓެކްޝަން އޮފް މައިގްރަންޓްސް އިން ވަލްނަރަބަލް ސިޗުއޭޝަންސް" ގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.
މިއީ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނަރުގެ އޮފީހާއި އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަންއިން އިންތިޒާމުކުރި ބައްދަލުވުމެކެވެ.
މި ބައްދަލުވުން ބޭއްވުމުގެ މަގްސަދަކީ ހިޖުރަކުރުމާ ގުޅޭގޮތުން ބައިނަލްއަގްވާމީގޮތުން އެކުލަވާލާފައިވާ ގްލޯބަލް ކޮމްޕެކްޓް ފޯ ސޭފް، އޯޑާލީ އެންޑް ރެގިއުލާ މައިގްރޭޝަންގެ ހަތްވަނަ އޮބްޖެކްޓިވް އަމަލީ ގޮތުން ކުރިއަށް ގެންދިއުމުގައި އޭޝިއާ-ޕެސިފިކް ސަރަހައްދުގައި ހޯދިފައިވާ ކުރިއެރުންތަކާއި ހުރި ގޮންޖެހުންތައް ދެނެގަތުމެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ހައްގުތައް ކުރިއަރުވައި ހިމާޔަތް ކުރުމުގައި ދިވެހި ސަރުކާރު ދެމިއޮންނާނެ ކަމަށެވެ. ހިޖުރަކުރުމާ ގުޅިފައިވާ މައްސަލަތަކުގެ ހައްސާސްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރީންގެ ޒަރޫރީ ބޭނުންތައް ފުއްދައިދިނުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް މިނިސްޓަރުގެ ވާހަކައިގައި އަލިއަޅުއްވާލައްވާފައިވެއެވެ.

"ރީޖަނަލް މީޓިން އޮން ދަ ޕްރޮޓެކްޝަން އޮފް މައިގްރަންޓްސް އިން ވަލްނަރަބަލް ސިޗުއޭޝަންސް" ބައްދަލުވުން / ފޮޓޯ: ފޮރިން މިނިސްޓްރީ
އެގޮތުން، ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއިން ކުރި މަސައްކަތްތަކުގައި ބިދޭސީންގެ ބައިވެރިވުން ހިމެނުމަށް ސަރުކާރުން ދިން އަހައްމިއްޔަތުކަމާއި، މުޖުތަމައުގައި އެކަކު އަނެކަކު ބަލައިގަތުމާއި ބައިވެރިވުން އިތުރުކުރުމާއި އިހުސާސްތައް ދެނެގަތުން އިތުރު ކުރުމަށްޓަކައި، އދ. އާއި މަދަނީ ޖަމިއްޔާތަކުގެ އެހީގައި މީސްމީޑިއާގައި ހިންގުނު ތަފާތު ޕްރޮގްރާމުތައްވެސް މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ރާއްޖެއަށް ލިޔެކިޔުންނެތި އެތެރެވާ ހިޖުރަވެރިންނާއި ބެހޭ މައުލޫމާތުތައް ދެނެގަނެ އެފަދަ މީހުންނާއިމެދު އަމަލުކުރާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި ރާއްޖެއަށް ހިޖުރާ ހިޖުރަވެރިންނަށް ދިމާވާ މައްސަލަތަކާއި އެކަމުގެ ހައްލުތަކާއި ގުޅޭގޮތުން ސަރަހައްދީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ.
ހިޖުރަކުރާ މީހުންގެ ހައްގުތަކަށް ބުރޫނާރާނެހެން، އެއްވެސް މަޖުބޫރުކުރުމެއްނެތި، ރައްކާތެރިކަމާއެކު، ހިޖުރަކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ސަރުކާރުން މީގެކުރިންވެސް ބުނެފައިވެއެވެ.