23 Feb 2023, 22:00
ރާއްޖޭގައި ހިނގާ ބޮޑެތި އަލިފާނުގެ ހާދިސާތައް ތަހުގީގު ކުރަމުން ދަނީ ރާއްޖެއިން ބޭރުގެ ތަހުގީގު ޓީމުތަކުގެ އެހީއާއެކު ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
މީޑިއާތަކަށް ފުލުހުން މިރޭ ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މިދިޔަ އަހަރު މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގު މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. އެގޮތުން މިހާރު ކުރަމުން ދަނީ ތަހުގީގު ފުރިހަމަ ކުރުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ.
މީގެ އިތުރުން، ނިރުފެހިގެ ސާފު ކުރަމުން ދަނިކޮށް މީގެކުރިން ފެނުނު އިނސާނެއްގެ ފައިތިލަ އަކީ އަލިފާނުގެ ހާދިސާގައި މަރުވި މީހެއްގެ ފައިތިލަކަން ކަށަވަރު ކުރެވިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އެ ފައިތިލަ މިހާރު ވަނީ ވަޅުލާފައެވެ.
މި ފަހުން މާލެ ސަރަހައްދުގައި ހިނގި ބޮޑެތި އަލިފާނުގެ ހާދިސާތަކުގެ ތެރޭގައި މ. ނިރުފެހިގޭގައި ހިނގި ހާދިސާ އާއި، ނީލަން ފިހާރަ ހުންނަ ސަރަހައްދުގައި ހިނގި ހާދިސާއާއި، ތިލަފުށީގައި ހުންނަ އެފްކޮންސް މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކްގައި ހިނގި ހާދިސާގެ އިތުރުން އޯކިޑް މަގުގައި ހުންނަ އިވްނިން ކެފޭގައި ހިނގި އަލިފާނުގެ ހާދިސާ ހިމެނެއެވެ.
ފުލުހުން ބުނީ ރާއްޖެއިން ބޭރުގެ ތަހުގީގު ޓީމްތަކާއެކު ކުރެވުނު މަސައްކަތުން ލިބުނު މައުލޫމާތުގެ އަލީގައި އެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށެވެ.