އަޑު އިވުމުން މަހްރޫމް ވެފައި ތިބޭ މީހުން ރަނގަޅުކޮށްދޭ ކަމަށް ބުނާ އިރާގުގެ ޑޮކްޓަރު މާލާ އަލީއަށް ރާއްޖެ ނާދެވޭ ގޮތަށް އޭނާ ބްލެކްލިސްޓް ކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިރާގަށް ނިސްބަތްވާ މާލާ އަލީ، މިދިޔަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު ޓޫރިސްޓް ވިސާގައި ރާއްޖެ އައިސް، ޤުރުއާނުގެ އާޔަތްތަކުގެ އެހީގައި މަންމަނު މީހުންނާއި ކަނު މީހުންނާއި ބީރު މީހުން ވަގުތުން ރަނގަޅު ކުރެވޭ ކަމަށް ބުނެ، ބައެއް ދިވެހިން ހައްލައިގެން އޭނާގެ މަޅީގައި ޖެއްސިއެވެ.

އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް މިފްތާހު މުޙައްމަދު "ސަން"އަށް ވިދާޅުވީ ހެލްތް މިނިސްޓްރީގެ އެދުމުގެ މަތީން ބެލި ބެލުމުން ޓޫރިސްޓް ވިސާގައި މާލާ އަލީ ރާއްޖެ އައިސް ވިސާގެ ޝަރުތުތަކާ ޚިލާފަށް ރާއްޖޭގައި އުޅެފައިވާކަން ފާހަގަ ކުރެވިފައިވާތީ އޭނާ ބްލެކް ލިސްޓް ކުރީ މިއަދު ކަމަށެވެ.

"ޓޫރިސްޓް ވިސާގައި މާލާ އަލީ ރާއްޖެ އައިސް ވިސާގެ ޝަރުތުތަކާ ޚިލާފަށް ރާއްޖޭގައި އުޅެފައިވާ ކަމަށް އަޅުގަނޑުމެން ބެލި ބެލުމުން ފާހަގަ ކުރެވިފައިވާތީ އިމިގްރޭޝަންގެ ގާނޫނުގެ ދަށުން އޭނާ ވަނީ ބްލެކް ލިސްޓް ކުރެވިފައި،" މިފްތާހު ވިދާޅުވިއެވެ.

މާލާ ވަނީ ރާއްޖެ އައިސް ބައެއް މީހުންނަށް ފަރުވާ ދޭ ވީޑިއޯތައް މީސް މީޑިއާގައި ހިއްސާ ކޮށްފައިވެއެވެ. އެ ވީޑިއޯތައް އާއްމުވުމުން ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ބުނަމުން އައީ އޭނާއަކީ މަކަރާއި ހީލަތުން މީހުންނަށް އޮޅުވާލައިގެން އުޅޭ މީހެއް ކަމަށާއި އެހެންވެގެން އޭނާއަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ގޮވާލާ ކަމަށެވެ.

މަލާ އަކީ ގާނޫނާ ޚިލާފަށް އޮޅުވާލައިގެން މީހުންނަށް ފަރުވާ ދެމުން އަންނަ މީހެއް ކަމަށް ނިންމާ ސައުދީ އަރަބިއްޔާއާއި ތުރުކީން ވަނީ އޭނާ ޑީޕޯޓްކޮށްލާފައެވެ.

ޑރ. މާލާ އަލީގެ މައްސަލަ މީހުންގެ ސަމާލުކަމަށް އައިސްގެން އެ މައްސަލަ ފުލުހުން ބަލަން ފެށީ ގިނަ ބަޔަކަށް ފަރުވާދިނުމަށް ފަހު ރާއްޖެއިން ފުރައިގެން ދިޔަ ފަހުންނެވެ.