ފެޝަނަކީ ވަރަށް އަވަސް އަވަހަށް ބަދަލުވާ އެއްޗެކެވެ. މިއަދު މަގުބޫލު ޓްރެންޑަކީ މާދަމާ މަގުބޫލު އެއްޗަކަށް ނުވެދާނެއެވެ. ބައެއް ފެޝަން ޓްރެންޑުތަކުގެ ސްޓައިލްތަކަކީ ތިމާއަށް ގަބޫލު ނުކުރެވޭ ފަދަ ސްޓައިލަކަށް ވެސް ވެދާނެއެވެ. އަދި މި ސްޓައިލްތަކަކީ ބަޔަކަށް ޖޯކަކަށް ވެސް ވެދާނެއެވެ. މިފަހަރު މިއޮތީ އެފަދަ ހާލަތެކެވެ.

އިނގިރޭސިވިލާތުގެ ފެޝަންގެ އެންމެ ބޮޑު އެއް އިވެންޓް ކަމަށްވާ "ލަންޑަން ފެޝަން ވީކް" ވަނީ ދާދިފަހުން ނިމުގެން ގޮސްފައެވެ. މި އިވެންޓުން ތަފާތު އެކި ޑިޒައިނަރުންގެ ތަފާތު ސްޓައިލްތަކާއި އުފެއްދުންތައް ވަނީ ދައްކާލާފައެވެ. އޭގެތެރޭގައި އެކި ކަހަލަ ހަށިގަނޑުތަކަށް ފިޓު "އިންކްލޫސިވް" ސްޓައިލްތަކާއި ތަފާތު ބޮޑެތި ފާހަގަކުރެވޭ ޑިޒައިނަރުންގެ އުފެއްދުންތައް މި އިވެންޓުން ފެނުނެެވެ.

ނަމަވެސް މުޅި އިވެންޓު ތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނީ އާދަޔާ ހިލާފު ފަޓުލޫނުތަކަކަށެވެ. މި ފަޓުލޫނުތަކަކީ ވައި ޖަހާލައި ފުއްޕާފައިވާ ފަޓުލޫނުތަކެކެވެ. މި ފަޓުލޫނުތައް ހީވަނީ ކުޅޭކުޅޭ އެއްޗެއް ހެނެވެ. އަދި ކާޓޫނު ކެރެކްޓަރެއް ލުން އެކަށީގެންވާ އެއްޗަކަށް މި ފަޓުލޫނުތައް ވުން އެކަށީގެންވެއެވެ.

މި ފަޓުލޫތަކަކީ އަރަމުން އަންނަ ބްރޭންޑެއް ކަމަށްވާ "ހެރީ" އިން ޑިޒައިންކޮށްފައިވާ ފަޓުލޫނުތަކެކެވެ. ހެރީ ޕިލާއީ ނަމަކަށް ކިޔާ ޑިޒައިނަރެއްގެ ފަރާތުން އުފަންވި މި ކުންފުނިން ބޭނުންވަނީ މުޅިން ތަފާތު ޑިޒައިންތަކެއް އާންމު ކުރާށެވެ. އެގޮތުން "އައުޓް އޮފް ދަ ބޮކްސް" ވިސްނުންތަކެއް ގެންގުޅުމަށް ހެރީ އެދެއެވެ.

ވައި ޖަހައި ފުއްޕި ފަޓުލޫނުތަކުގެ އިތުރުން ހަމަ މިގޮތަށް ތައްޔާރުކޮށްފައިވާ ޓައިތައް ވެސް ވަނީ ޝޯގައި މޮޑެލް އިން ބޭނުންކޮށްފައެވެ. މި ފަޓުލޫނުތަކަކީ ލޭޓެކްސް ފަދަ މޭޓީރިއަލުން ހަދާފައިވާ ފަޓުލޫނެވެ.

ލަންޑަން ފެޝަން ވީކުން އިތުރަށް ފާހަގަކޮށްލެވޭ ޑިޒައިންތަކުގެ ތެރޭގައި ތަފާތު ޕްރިންޓް ޑިޒައިންގެ ހެދުންތައް ހިމެނެއެވެ. އޭގެތެރޭގައި އެކި ކަހަލަ ދޫނިތަކާއި ޖަނަވާރުތަކުގެ ޕްރިންޓުތައް ހިމެނެއެވެ. އަދި ހަމައެއާއެކު 2000ގެ ކުރީކޮޅު މަގުބޫލުވި ޓްރެންޑުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް ތަކެތި ޑިޒައިންކޮށް ވަނީ ޝޯގައި ދައްކާލާފައެވެ.