24 Feb 2023, 09:50
ފުރަތަމަ ފަހަރަށް މަޔަކަށް ވުމަކީ ތަފާތު އާ ގިނަ ކަންތައްތަކެއް ދަސްވާ ކަމެކެވެ. މުޅި ދިރިއުޅުމަށް ބޮޑު ބަދަލެއް އަންނައިރު ބައެއް ފަހަރު މިކަމަށް ހޭނުމަކީ އެހާ ފަސޭހަ ކަމަކަށް ނުވެއެވެ. ނަމަވެސް މަޝްހޫރު ސޯޝަލް މީޑިއާ ތަރި އަދި ސޯޝަލައިޓް ކައިލީ ޖެނާ މި ކިޔައިދެނީ އޭނާއަށް ދަސްވި ކަންތައްތަކުން ފިލާވަޅުތަކެކެވެ.
"ކީޕިން އަޕް ވިތު ކާޑޭޝިއަން" އިން މަގުބޫލުކަން ހޯދި ކައިލީ އަކީ އަމިއްލަ ބޮޑު ވިޔަފާރިއެއް ހިންގަމުން ސޯޝަލް މީޑިގައި އެކްޓިވް ކޮށް އުޅޭ ޒުވާނެކެވެ. ދެ ކުދިންގެ މަންމަ ކައިލީ އަށް އެންމެ ފަހުން ދަރިއެއް ލިބިފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅުގައެވެ. އޭނާއަށް އެންމެ ފަހުން ލިބިފައިވަނީ ފިރިހެން ކުއްޖެކެވެ.
ކައިލީއަށް ދެ ދަރިއަކު ލިބުނު އިރު އެއިން އޭނާއަށް ގިނަ ކަންތައްތައް ދަސްވި ކަމަށް ކައިލީ ބުނެއެވެ. އަދި ހާއްސަކޮށް އޭނާގެ ދޮށީ ދަރި ސްޓޯމީ ވެބްސްޓާ ލިބުނުއިރު ތަފާތު އާ ކަންތައްތައް ތަޖުރިބާ ކުރި ކަމަށް އޭނާ ފާހަގަކުރެއެވެ.
ވެނިޓީ ފެއާއަށް ދިން އިންޓަވިއުއެއްގައި ކައިލީ ބުނެފައިވަނީ އޭނާއަށް ދެ ދަރިން ލިބުނު ފަހަރުވެސް، ޕޯސްޓް ޕާޓަމް ޑިޕްރެޝަން (ޕީޕީޑީ) ޖެހުނު ކަމަށެވެ.
ޕީޕީޑީ ޖެހޭ މަންމައިންނަށް ކައިލީގެ ފަރާތުން ދޭ މެސެޖަކީ އެއްފަހަރާ ގިނަ ކަންތައްތަކަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ކުދި ކުދި ކަންތައްތަކާ އުޅުމަށެވެ.
ކުރެވޭ އިހުސާސްތަކާ ކަންބޮޑުވުމުގެ ބަދަލުގައި އެ ހުރިހާ އިހުސާސެއް މަޑުމަޑުން ޕްރޮސެސް ކުރުމަށް ކައިލީ ބުނެއެވެ.
"ކުރެވޭނެ ވަރަށް ދަތި އިހުސާސްތައް ވެސް. ހީވާނެ މި ގޯސް އިހުސާސްތައް ދުވަހަކު ވެސް ނެތިގެން ނުދާނޭ. ކުރީގެ ދިރިއުޅުމަށް ނުދެވޭނެ ހެން ވެސް ހީވެދާނެ. އެކަމަކު މިއިން އެއްވެސް ކަމަކީ ދެމިގެން ދާނެ ކަމެއް ނޫން ކަން އަމިއްލަ އަށް އަބަދުވެސް ހަނދާން ކޮށްދޭން ވާނެ،" ކައިލީ ކިޔައިދިނެވެ.
ކައިލީ ބުނާގޮތުގައި ޕީޕީޑީގެ ސަބަބުން ކުރެވޭ އިހުސާސްތަކާއެކު "އޯކޭ" ނުވެދާނެއެވެ. ނަމަވެސް "އޯކޭ" ނުވުމަކީ ވެސް ގޯސް ކަމެއް ނޫން ކަމަށް ކައިލީ ބުނެއެވެ.