17 Apr 2012, 12:38
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަދު ރާއްޖެ އަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން މާލޭގެ ބައެއް މަގުތައް ވަކި ވަގުތުތަކަށް ބަންދުކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.
އެގޮތުން ބަންދުކުރާ މަގުތަކާއި ގޯޅިތަކަކީ ޗާންދަނީމަގު ބޮޑުތަކުރުފާނުމަގާއި ގުޅުނު ކަންމަތި، ބޮޑުތަކުރުފާނުމަގުން އިރަށް ދަތުރު ނުކުރެވޭ ގޮތަށާއި ޗާންދަނީމަގު އަމީރުއަހްމަދުމަގު ކަންމަތި، އަމީރު އަހްމަދުމަގުން އިރަށް ދަތުރު ނުކުރެވޭ ގޮތަށެވެ. އަދި ބޮޑުތަކުރުފާނުމަގު ލޮޓަސްގޯޅި ކަންމަތި، ބޮޑުތަކުރުފާނުމަގުން ހުޅަނގަށް ދަތުރު ނުކުރެވޭ ގޮތަށާއި އަމީރު އަހްމަދުމަގު ޝަހީދު އަބްދުﷲ ޒުހައިރުހިނގުން ކަންމަތި، ޝަހީދުއަބްދުﷲ ޒުހައިރު ހިނގުމުން އުތުރަށް ދަތުރު ނުކުރެވޭނެ ކަމަށާއި ޝަހީދު އާދަމް ނަސީރު ހިނގުމުން މެދުޒިޔާރަތްމަގު ކަންމަތި، ޝަހީދު އާދަމް ނަސީރު ހިނގުމުން އުތުރަށް ދަތުރު ނުކުރެވޭ ގޮތަށް ބަންދު ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ވެސް ރޭގެ 1:00 އިން ފެށިގެން މިރޭގެ 7:00 އަށް ޕާކްކުރުން ވަނީ ބައެއް ސަރަހައްދުގައި މަނާކޮށްފަ އެވެ. އެގޮތުން މަނާކުރި ބައެއް ސަރަހައްދުތަކަކީ ބޮޑުތަކުރުފާނުމަގު އެމްއެމްއޭ އިން ފެށިގެން ކޯސްޓްގާޑް ބިލްޑިންގް އާއި ހަމައަށް ހިމެނޭ ޕާކިންގް ޒޯންތަކާއި، ޖުމްހޫރީ މައިދާން ކުރިމަތީ ބޮޑުތަކުރުފާން މަގުގައިވާ 30 މިނިޓް ޒޯނެވެ. އަދި އަމީރު އަހްމަދު މަގު ޗާންދަނީ މަގުން ފެށިގެން ޝަހީދު މުހައްމަދު ހަސަން ހިނގުމާއި ހަމައަށްވާ ޒޯންތަކާއި ހުސައިން އާދަމް ބިލްޑިންގ ކުރިމަތީގައި ޖުމްހޫރީ ހިނގުން ދެ ފަރާތުގައިވާ ޕާކިންގް ޒޯންތަކުގައި ވެސް އެވަގުތުތަކުގައި ޕާކް ނުކުރެވޭނެ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ދިމާވާ ކަމަކާ ގުޅިގެން އެހެން ސަރަޙައްދެއް ބަންދުކުރަން ޖެހިއްޖެ ނަމަ އެސަރަޙައްދެއްގެ މަގުތަކާއި ގޯޅިތައް ވެސް ބަންދު ކުރާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
ރަސްމީ ފާލަން ހިމެނޭ ސަރަޙައްދާއި ގުޅިފައިވާ މަގުތައް ބަންދުކޮށްފައި ވަނީ ފުލުހުންގެ ޤާނޫނުގެ 10 ވަނަ މާއްދާގެ ދަށުންނެވެ.
ދިވެހި ސަރުކާރުގެ ދައުވަތަކަށް މަހްމޫދު އައްބާސް ރާއްޖެ އަށް މިއަދު ކުރައްވާ ދަތުރުފުޅު ނިންމަވާ ލެއްވުމަށް ފަހު ފުރާވަޑައިގަންނަ ވާނީ މާދަމާ އެވެ.