02 Aug 2010, 14:55
19:00
ދިރާގުގެ ޕާޓްނަރ ކޮންފަރެންސް 2010 ބާއްވައި، މިދިޔަ އަހަރު އެކުންފުންޏަށް ވިޔަފާރީގެ ގޮތުން އެންމެ ރަނގަޅު ނަތީޖާ ހޯދައިދިން ޕާޓްނަރުންނަށް އިނާމް ދީފި އެވެ.
ދިރާރުގެ ރީޓެއިލް ޑިސްޓްޓްރިބިއުޓަރުންނާއި ހޯލްސޭލް ވިޔަފާރި ކުރައްވާ 80 އަށްވުރެ ގިނަ ޕާޓްނަރުންނާއެކު މިއަދު ކުރިއަށްގެން ދިޔަ ޕާޓްނަރ ކޮންފަރެންސާ ގުޅޭ ގޮތުން ދިރާގުގެ ރީޓެއިލް އެންޑް ޑިސްޓްރިބިއުޝަން މެނޭޖަރ ޒިޔާއު ސަމަދު މިއަދު ވިދާޅުވީ، ދިރާގުގެ ވިޔަފާރި އިތުރަށް ފުޅާކުރެވޭނެ ގޮތްތަކާމެދު ކޮންފަރެންސްގެ ބައިވެރިން މަޝްވަރާކުރި ކަމަށެވެ. އަދި އެކުންފުނީގެ އަންނަ އަހަރުގެ ބިޒްނަސް ޕްލޭން އެކުލަވާލުމުގައި ޕާޓްނަރުން ހުށަހަޅާފައިވާ ހިޔާލުތަކާއި ޝަކުވާތަކަށް ދިރާގުން ބަލާނެ ކަމަށް ޒިޔާއު ވިދާޅުވި އެވެ.
ޕާޓްނަރުންގެ އެންމެ ބޮޑު ޝަކުވާއެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، ރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތުން ކަނޑުހުރަސްކޮށް ދަތުރުފަތުރުކުރަން ޖެހި، ވިޔަފާރި މުއާމަލާތްތަކަށް އެކަމުގެ ސަބަބުން ހުރަސް އެޅެމުންދާކަން ކަމަށް ޒިޔާއު ވިދާޅުވި އެވެ. އަދި ރީލޯޑްގެ ޚިދުމަތް ދިނުމަށް ފަސޭހަ ނަމަވެސް، ރީޗާޖް ވައުޗަރަކީ އަދިވެސް ރަށްތަކުގައި ގިނަ ބަޔަކު ބޭނުންވާ އެއްޗެއްކަމުން، ރީޗާޖް ވައުޗަރ ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ވެސް ރީޓެއިލް ވިޔަފާރިކުރާ ފަރާތްތަކުން ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދިރާގުގެ ސީއީ އިސްމާއިލް ރަޝީދު މިއަދު ވިދާޅުވީ، މިދިޔަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ދިރާގުގެ ޕާޓްނަރ ކޮންފަރެންސުން އެކުންފުނީގެ ވިޔަފާރިތައް ކުރަމުންދާ ޕާޓްނަރުންނާ އެކުންފުންޏާ ދެމެދު ނެޓްވޯކެއް ގާއިމްކުރެވިގެންގޮސްފައިވާ ކަމަށެވެ. އަދި މިއީ މައުލޫމާތު ދިނުމަށް ދެ ފަރާތަށް ވެސް ލިބޭ ފުރުސަތެއްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، މިކަމުގެ ސަބަބުން ދެ ފަރާތަށް ވެސް ފައިދާތައް ކުރާނެ ކަމަށެވެ.
މިއަދު ބޭއްވި ޕާޓްނަރ ކޮންފަރެންސްގައި މައިގަނޑު ތިން ކެޓަގަރީއަކުން އެންމެ ރަނގަޅު ވިޔަފާރިކޮށްފައިވާ ފަރާތްތަކަށް ހަނދާނީ ފިލަ އާއި ފައިސާގެ އިނާމް ވަނީ ދީފަ އެވެ. އެގޮތުން މާލޭގައި ދިރާގުގެ ރީޗާޖް ވައުޗަރާއި ރީލޯޑްގެ އެންމެ ރަގަޅު ވިޔަފާރިކޮށްގެން އެއްވަނަ އަށް ހޮވުނު ހައި ސޭލްސް އަށް 50،000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ދީފަ އެވެ. އަދި އަތޮޅުތަކުގެ ތެރެއިން ރީޗާޖް ވައުޗަރާއި ރީލޯޑްގެ އެންމެ ރަގަޅު ވިޔަފާރި ކޮށްފައިވާ ގދ. ތިނަދޫ ދިހަރޭ ޕްލާޒާ އަށް 30،000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ދީފަ އެވެ. މީގެ އިތުރުން އެންމެ ގިނަ އަދަދަކަށް ރީޗާޖް ކިޓް މިދިޔަ އަހަރު ވިއްކައިގެން އެއް ވަނަ ހޯދި ސްމާޓް ފޯނަށް 30،000 ރުފިޔާގެ ފައިސާގެ އިނާމް ދީފައިވާއިރު، ރީލޯޑްގެ އެންމެ ރަނގަޅު ވިޔަފާރި ކުރި އައިޖީއެމްއެޗް ގިފްޓް ޝޮޕަށް 8،000 ރުފިޔާގެ ފައިސާގެ އިނާމް ދީފައިވެ އެވެ.