23 Feb 2023, 21:49
ކުރިއަށް އޮތް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވާދަކުރަން ހުށަހަޅާ ގަރާރެއް މާދަމާ ފަށާ އެ ޕާޓީގެ ގައުމީ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
ޖުމްހޫރީ ޕާޓީން ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ ކުރީގެ މެމްބަރު އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ގެ އެޑްވައިޒަރު އިލްހާމް އަހުމަދު ވަނީ އެކަން ކަށަވަރު ކޮށްދެއްވާފައެވެ.
މި ގަރާރު ހުށަހަޅުއްވާފައިވަނީ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ)އެވެ. އެ ގަރާރުގައި ބަޔާންކޮށްފައިވަނީ ޖޭޕީން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށާއި، އެހެން ނޫންކަމުގައި ވަނީ ނަމަ އެޕާޓީ އިސްވެ އޮވެ ކޯލިޝަނެއްގެ ތެރެއިން ވާދަކުރުމަށެވެ.
އަންނަ ހޮނިހިރު ދުވަހުގެ މެންދުރު ފަހުގެ ވަގުތަކަށް އެ ގަރާރު އެޖެންޑާ ކޮށްފައިވާއިރު، އެ ގަރާރަށް ބަހުސް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ގަރާރުގެ ވަގުތު ގައުމީ މަޖިލީހުގެ ރިޔާސަތުގައި އިންނަވާނީ ގާސިމް އިބްރާހިމެވެ.
އިލްހާމް ވިދާޅުވީ އެ ގަރާރަށް ވޯޓަށް އަހާނެ ކަމަށާއި، އެޖެންޑާ ބަދަލު ކުރަން ގަސްތު ނުކުރާ ކަމަށެވެ. އޭގެ އިތުރުން، ޖޭޕީއަކީ ރިޔާސީ އިންތިހާބުތަކުގައި މީގެ ކުރިން ވެސް ލީޑުކުރި ޕާޓީއެއް ކަމަށާއި ރިޔާސީ އިންތިހާބުގައި އެ ޕާޓީން ގޮތެއް ނިންމާނީ ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާއެކު ކޯލިޝަނެއްގެ ތެރެއިން ނުކުތުމަށް އެ މަނިކުފާނު މި ސަރުކާރު ކޯލިޝަނުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ދައުވަތު އަރުވާފައެވެ. ނަމަވެސް، ރައީސް ގެ ދައުވަތާ ގުޅިގެން އެ ޕާޓީން މިހާތަނަށް އަދި ގޮތެއް ނުނިންމައެވެ.
އާ ގާނޫނުއަސާސީ ތަސްދީގުކުރި ފަހުން ބޭއްވި ތިން އިންތިޚާބުގެ ތެރެއިން 2008 އަދި 2013ގެ ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވާދަކުރެއްވިއެވެ. ނަމަވެސް، ދެވަނަ ބުރަށް ދިއުމަށް ބޭނުންވާ ވަރަށް ދެ އިންތިޚާބުގައި ވެސް ވޯޓު ލިބިފައެއް ނުވެއެވެ.
ނަމަވެސް، އެ ހުރިހާ ރިޔާސީ އިންތިޚާބެއްގެ ދެވަނަ ބުރުގައި ހެދި ކޯލިޝަންތަކުގައި އެންމެ މުހިއްމު ޕާޓީއަކީ ޖުމްހޫރީ ޕާޓީއެވެ. ފާހަގަކޮށްލެވޭ ގޮތުގައި އާ ގާނޫނޫ އަސާސީގެ ދަށުން އުފެދުނު ތިން ސަރުކާރު ވެސް އުފެދުނީ ޖޭޕީ ހިއްސާވާ ކޯލިޝަނަކުންނެވެ.