23 Feb 2023, 17:23
ގުޅީފަޅުގައި ހުންނަ އެފްކޮންސްގެ އެކޮމޮޑޭޝަން ބްލޮކެއްގައި މިދިޔަ ޑިސެމްބަރު މަހުގެ 16ވަނަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއަށްފަހު އެ ތަނުން ފެނުނު އިންސާނެއްގެ ހަށިގަނޑަކީ އެ ތަނުން ގެއްލުނު މީހާގެ ހަށިގަނޑުގެ ބައިތަކެއް ކަމަށް ފުލުހުން މިއަދު ބުނެފިއެެވެ.
ފުލުހުން ބުނީ އެ ހަށިގަނޑުގެ ބައިތައް ތަަހުލީލުކޮށްގެން ހޯދި ހޯދުންތަކުން އެއީ ގެއްލުނު މީހާގެ ހަށިގަނޑުކަން ކަށަވަރުކުރެވިފައިވާކަމަށެވެ.
އެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމަށް ޓަކައި މި ހަފުތާގެ ތެރޭ އިންޑިއާއަށް ފިނުވައިލައިފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.
ގުޅީފަޅުގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އެތަނުގައި ދިރިއުޅުނު މީހަކު މަދުކަން އެތަނުގައި ދިރިއުޅުނު މީހުންނަށް ފާހަގަކުރެވުމާ ގުޅިގެން އޭނާ ހޯދުމަށް ކުރި މަސައްކަތުން ހަށިގަނޑުގެ ބައިތަކެެއް ފެނުނީ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުންނެވެ.
އެ ހާދިސާގެ ސަބަބުން 457 މީހަކަށް އެކި ގޮތްގޮތުން ގެއްލުންވިއެވެ.
ތިލަމާލެ ބްރިޖު މަސައްކަތަށް އެ ކުންފުނީގެ ހާހަކަށްވުރެ ގިނަ މަސައްކަތު މީހުން ރާއްޖޭގައި އެބަތިއްބެވެ.
އޭގެ ތެރެއިން ގާތްގަނޑަކަށް 800އެއްހާ މީހުން އުޅެނީ ގުޅީފަޅުގައެވެ. ބާކީ 200 މީހުން މަސައްކަތް ކުރަނީ މާލޭގައި ހުންނަ ބުރިޖު ސައިޓުގައެވެ.