ވ. އަތޮޅުން ފެނުނު އިންސާނެއްގެ ހަށިގަނޑަކީ ތެޔޮ ބޯޓުން ގެއްލުނު ބިދޭސީ މީހާ، މޮހައްމަދު ލިޓަން,35, ހަށިގަނޑު ނޫންކަން ކަށަވަރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ލިޓަން ގެއްލިގެން ހޯދާތާ ހަ ދުވަސް ފަހުން، ވ. އަތޮޅުގެ ވެމްޕަރު ފަޅު, ބޭރު ކަނޑުން މަރުވެފައިވާ މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ.

ފުލުހުން ބުނީ އެ ހަށިގަނޑަކީ އޮޔާއެކު ރާއްޖެ އައިސްފައިވާ ހަށިގަނޑެއްތޯ ބެލުމަށް އިންޓަނޭޝަނަލް ޕާޓްނަރުންނާއެކު މިހާރު ދަނީ ވާހަކަ ދެކެވެމުން ކަމަށެވެ. އަދި އެއީ ލިޓަންގެ ހަށިގަނޑު ނޫން ކަމަށް ވެސް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

ނިމިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު، ވިލިމާލެއިން ތެޔޮ ބޯޓެއްގައި ފުރި ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމް،45، އާއި ލިޓަން ގެއްލުމާއެކު އެންމެން ވެސް ހީކުރީ ކަނޑުމަތީ ހާދިސާއެއް ހިނގީ ކަމަށެވެ.

ދެ މީހުން ދަތުރުކުރި ތެޔޮބޯޓު، ހުޅުލޭ، އެއާޕޯޓު ނެރުކައިރިން އޮޔާދަނިކޮށް ފެނިފައި ވަނީ ޑިސެމްބަރު 29 ވަނަ ދުވަހުއެވެ. ފެނުނުއިރު އެ ބޯޓްގައި އެއްވެސް މީހަކު ނެތެވެ.

ތެޔޮ ބޯޓް ފަހަރުގައި މަސައްކަތް ކުރާ ތިން މީހަކާ "ސަން"އިން ސުވާލު ކުރުމުން އެ އެންމެން ވެސް ކުރަނީ އެއް ތުހުމަތެކެވެ. އެއީ ފައިސާގެ ބޭނުމަށް ނިޒާމް، ލިޓަން މަރާލި ކަމުގެ ތުހުމަތެވެ. އެ ނޫން މައްސަލައެއް އެ ދެ މީހުންގެ މެދުގައި ޖެހޭނެ ކަމަކަށް ލިޓަންގެ ރައްޓެހިން ގަބޫލެއް ނުކުރެއެވެ.

ތެޔޮ ވިއްކުމުގެ ވިޔަފާރީގައި އުޅޭ މީހުންނާ ވާހަކަ ދައްކާލުމުން އެނގުނު ގޮތުގައި ލިޓަން އެ މަސައްކަތުގައި އުޅޭތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.

އޭނާ މަސައްކަތް ކުރަނީ ދިވެއްސަކު ހިންގާ "ފިއުލް ޕަވާ" ކިޔާ ކުންފުންޏެއްގައެވެ. އެ ވިޔަފާރީގައި އިސްވެ އުޅެނީ ލިޓަންއެވެ.