23 Feb 2023, 15:28
ގދ. ތިނަދޫގައި ހުވަނީގެ މައްސަލަ ބޮޑުވެ، އެކަމަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
ތިނަދޫގައި ހުވަނީގެ މައްސަލަ ބޮޑުވެ، މީހުން ދިރިއުޅޭ ގެތަކާއި، ސްކޫލުތަކާއި އާންމު ނޫން ތަންތަނުގައި ހުވަނި ވަނީ ވަރަށް ބޮޑަށް އަޅާފައެވެ. މީގެ ސަބަބުން ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންގެ އިތުރުން، އާންމު ރައްޔިތުންނަށް ވަނީ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައެވެ.
ތިނަދޫ ކައުންސިލުގެ ނައިބު ރައީސް ނަސްރުﷲ އަލީ ވިދާޅުވީ ހެލްތު މިނިސްޓްރީ އާއި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާ ގުޅިގެން ހުވަނީގެ މައްސަލަ ހައްލުކުރުމަށް ތިން ބާވަތެއްގެ ކެމިކަލް ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އޭގެ ސަބަބުން މާ ބޮޑު ކުރިއެރުމެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ޖުމްލަކޮށް ރަށުގެ ހުރިހާ ތަނެއްގައި ވެސް [ހުވަނި] ހުރޭ. ހުވަނީގެ މައްސަލަ ރަނގަޅު ކުރުމަށް އަހަރުމެން ކެމިކަލް ވެސް ޖެހިން. ނަމަވެސް އޭގެ މާ ބޮޑު އެފެކްޓެއް ނުކުރޭ. ތިން ވައްތަރެއްގެ ކެމިކަލް އެބަ ބޭނުން ކުރަން، އޯމޯ ކަހަލަ އެއްޗެހި ހިމަނައިގެން،" ނަސްރު ވިދާޅުވިއެވެ.
ނަސްރު ވިދާޅުވީ ހެލްތު މިނިސްޓްރީ އާ ގުޅިގެން ރަށުގެ ރައްޔިތުންނަށް ހުވަނިން ސަލާމާތްވާނެ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. މީގެ ތެރޭގައި މައުލޫމާތު ދިނުމުގެ އެކި ހަރަކާތްތައް ކުރިއަށްގެންދިޔުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ކައުންސިލާއި ހޮސްޕިޓަލް އަދި ޕަބްލިކް ހެލްތް އިން މަޝްވަރާ ބައްދަލުވުންތަކެއް ވެސް ވަނީ ބާއްވާފައެވެ. އެ ބައްދަލުވުންތަކުން ނިންމި ކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް ނަސްރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރަށުގައި ހުރި އާންމު ތަންތަން ސާފު ކުރުމުގެ މަސައްކަތް ކައުންސިލުން މިހާރުވެސް ކުރަމުންދާ ކަމަށާއި، ސާފު ކުރަން އެންމެ ދަތިވަނީ ފަޅު ގެތައް ކަމަށެވެ.
"ގިނަ ފަހަރު އެ ގޯތިތަކުގެ މީހުން އުޅެނީ ރާއްޖެއިން ބޭރުގައި. އެހެން ވީމަ އޭގެ ގެއަކަށް ހުއްދަނެތި ވަދެ އެ ގެތަކުގައި ހުންނަ ގަހާއި ރުކާ އެއްޗެހި ނުއެއް ކެނޑޭނެތާ. އޭގެ މީހުންނާ ގުޅަން ހުރޭ ދަތިތަކެއް. އެއީ ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުން،" ނަސްރު ވިދާޅުވިއެވެ.
ނަސްރު ވިދާޅުވީ އިތުރު އެއް ގޮންޖެހުމަކީ ހުވަނި ނައްތާލުމަށް ކެމިކަލް ސްޕްރޭ ކުރުމަށް ބޭނުންވާ މެޝިނަރީސް ގެނައުމުގައި ދިމާވާ ދަތިތައް ކަމަށެވެ. އެގޮތުން މާލެއިން އެފަދަ ބޮޑެތި ތަކެތި ގެންނަން ގިނަ ދުވަސް ވުމަކީ އޭގެ އެންމެ ބޮޑު އެއް ގޮންޖެހުން ކަމުގައި ނަސްރު ފާހަގަކުރެއްވިއެވެ.
ހުވަދޫގެ އެންމެ ބޮޑު އަދި އާބާދި ބޮޑު ރަށް ކަމުގައިވާ ތިނަދޫގައި ހުވަނީގެ މައްސަލަ ބޮޑުވެެ، އެކަން ޢާންމު އުނދަގުލަކަށް ވެފައިވާތާ މިހާރު ގާތްގަޑަކަށް ހަފުތާއެއް ވަރު ވެއްޖެއެވެ. އެކަމަކު އެކަމަށް އަދި ވެސް އާންމު ހައްލެއް ލިބިފައިނުވާތީ ޢާންމުން ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.