23 Feb 2023, 15:08
މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން ކޯލިޝަންގެ މަޝްވަރާތައް ކުރުމަށް ޕީޕީއެމްއާ މިއަދު ބައްދަލުކުރަން ނިންމައިފިއެވެ.
އެމްޑީއޭގެ އޮފީހުގައި މިއަދު ހަވީރު ފަހެއް ޖަހާއިރު ބާއްވާ މި ބައްދަލުވުމުގެ މައުލޫމާތު ބައްދަލުވުމަށް ފަހު އާންމުންނާ ހިއްސާކުރާނެ ކަމަށް ޕީޕީއެމްއިން ބުންޏެވެ.
އެމްޑީއޭއިން މި ބައްދަލުވުމުގައި ބައިވެރިވާނީ އެ ޕާޓީގެ ކޯލިޝަން ކޮމިޓީގެ ޗެއާ އަދި ޕާޓީގެ ނައިބު ރައީސް އަލީ މައުރޫފައި ޑެޕިއުޓީ ޗެއާ، ނައިބު ރައީސާ އައިޝަތު ރަފިއްޔާއެވެ.
ކޯލިޝަންގެ މަޝްވަރާ ކުރުމަށް އެމްޑީއޭއިން ވަނީ މިއަދު މެންދުރު 12 ޖެހިއިރު އެމްޑީޕީއާ ވެސް ބައްދަލުކޮށްފައެވެ. އެގޮތުން، އެމްޑީޕީގެ ފަރާތުން އެމްޑީއޭއާ ބައްދަލުކޮށްފައި ވަނީ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު ވާދަނުކުރެއްވުމަށް ނިންމެވުމާއެކު އެޕާޓީން ވަނީ ކޯލިޝަނަކާއެކު ކުރިއަށް ދިއުމަށް ނިންމާފައެވެ.
އެމްޑީއޭގެ ނައިބު ރައީސް މައުރޫފް ވިދާޅުވީ، ކޯލިޝަން ހެދުމުގެ ދައުވަތެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވެސް ފޮނުއްވާފައިވާ ކަމަށާއި އަދި އިތުރު ޕާޓީތަކުން ވެސް ސިޔާމަށް ފޯނުން ގުޅުއްވާ ކޯލިޝަން ހެދުމުގެ ދައުވަތު އަރުވަމުން ގެންދާ ކަމަށެވެ.